








Adam Shareef Umar
ޕާކިސްތާން ރައްޔިތުންނަށް ރާއްޖެ އިން އެހީވުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް އުމަރު ގޮވާލައިފި އެވެ.
އާދަމް ޝަރީފް މިގޮތަށް ވިދާޅުވެފައިވަނީ، ޕާކިސްތާނުގައި ފެންބޮޑުވެ 1،000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ްމިލިއަން މީހުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން އަސަރުކޮށްފައިވާތީއެވެ.
އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކަށް އެކަމުގެ އަސަރު ކޮށްފައިވާކަން އަޑުއެހީ ނުހަނު ހިތާމައާއެކު ކަމަށާއި، އެމަނިކުފާނުގެ ހެޔޮ ދުޢާ، ޕާކިސްތާނުގެ ރައްޔިތުންނާއެކުވާ ކަމަށެވެ.
އަދި ޕާކިސްތާނުގެ ރައްޔިތުންނަށް އެހީވުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށްވެސް އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޕާކިސްތާނަށް ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބަބުން އެގައުމުގެ އެތަކެއް މިލިއަން ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އެގައުމުގެ ސަރުކާރުން ވަނީ ބައިނަލްއަގުވާމީ އެހީއަށް އެދިފައެވެ.
https://gaafu.mv/74737
ޕާކިސްތާނަށް މިހާތަނަށް އެމެރިކާ، އިނގިރޭސިވިލާތް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އެނޫންވެސް ގައުމުތަކުން އެގައުމަށް މިހާރު ކުރިމަތިވެފައިވާ މޫސުމީ ކާރިސާއިން އަރައިގަތުމަށް ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ދީފައިވީ ނަމަވެސް ހާލަތުން އަރައިގަނެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު އެތައް ފައިސާއެއް ބޭނުންވާ ކަމަށް އެގައުމުގެ ދާޚިލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.




