



.jpeg?w=3840&q=75)



.jpeg?w=3840&q=75)
މޫސުން
ދިވެހިރާއްޖޭގެ ސަގާފީ މޫސުމީ ކަލަންޑަރު ކަމުގައިވާ ނަކަތްތަކަކީ ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުމާއި، ޚާއްޞަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ނިޒާމެކެވެ. މީލާދީ ގޮތުން ސެޕްޓެންބަރު މަހުގެ 21 އިން އޮކްޓޫބަރު މަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ހިނގާ 'އަތަ' ނަކަތަކީ ހުޅަނގު މޫސުމުގެ ތޭރަވަނަ ނަކަތެވެ.
މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވެ، ރީތި މޫސުމެއް ތަޖުރިބާ ކުރެވުނު ކަމުގައި ވިޔަސް، ދޭތެރެދޭތެރެއިން ވިއްސާރަ ވިލާ ނަގައި ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެކެވެ. މޫސުމީ ހިސާބުތަކަށް ބަލާއިރު، މި ނަކަތުގައި އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭއިރު، އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ. އެހެންކަމުން މިއީ ވިއްސާރައިގެ ތެރެއިން ވެސް ބޮޑަށް އަވީގެ އަސަރު ފެންނަ ނަކަތެކެވެ.
ވައިގެ ހާލަތަށް ބަލާއިރު، އަތަ ނަކަތުގައި ޢާންމުކޮށް ވައިޖެހޭނީ ހުޅަނގު ފަރާތުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. މިއީ ކަނޑުދަތުރުފަތުރު ކުރުމަށް މާބޮޑު ނުރައްކަލެއް ނެތް، އާދައިގެ ވަރެއްގެ ވައިގެ ބާރުމިނެކެވެ.މަސްވެރިކަމުގެ ދާއިރާއަށް ބަލާއިރު އަތަ ނަކަތަކީ ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ނަކަތެކެވެ. މި ދުވަސްވަރު ކަނޑުމަހުގެ މަސްވެރިކަން އާންމުކޮށް ރަނގަޅުވާނެއެވެ. އަދި މަސްއައިންތައް އަތޮޅުތަކާ ކައިރިން ފެންނަން ފަށާ ދުވަސްވަރަކަށް ވުމުން، މަސްވެރިންނަށް މާ ދުރަށް ނުގޮސް ފަސޭހަކަމާއެކު މަސްވެރިކަން ކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.
'އަތަ' ނަކަތަކީ ހުޅަނގު މޫސުމުގެ ފަހުކޮޅުގެ ނަކަތްތަކުގެ ތެރެއިން، މޫސުން ނިސްބަތުން ރަނގަޅު، އުޑުމަތި ސާފު އަދި މަސްވެރިންނަށް އުފާވެރިކަމާއި ތިޔާގިކަން ގެނެސްދޭ މުހިންމު ނަކަތެކެވެ.




.jpeg?w=3840&q=75)