








ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތުގެ 60 ނުވަތަ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި އެ މަޝްރޫޢަށް ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރާނީ ހަމައެކަނި ކުއްޔަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެތަނުން ބިން މިލްކު ނުކުރެވޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި މި މަޝްރޫޢަށް ސަރުކާރުން ސޮވަރިން ގެރެންޓީއެއް، ޓެކްސް ކޮންސެޝަނެއް އަދި އިމްޕޯޓް ޑިއުޓީގެ ލުއިތަކެއް ނުދޭނެކަމަށާއި، ރައްޔިތުންނަށް ދީފައިވާ ގޯތިތަކަށް ވެސް މިކަމުން އެއްވެސް ވަރެއްގެ ނޭދެވޭ ބަދަލެއް ނާންނާނެކަން ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު، ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވެސް ވަނީ ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުގެ ތެރެއިން ދިވެހިރާއްޖޭގެ އެއްވެސް ބިމެއް ނުވަތަ ތަންކޮޅެއް ބޭރުގެ އިންވެސްޓަރަކަށް ނުވިއްކާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.
މި މަޝްރޫޢު ކުރިއަށްދާނީ ރާއްޖޭގައި މިހާރުވެސް ޢަމަލުކުރަމުންދާ ޤާނޫނީ އިމުގެ ތެރެއިންކަމަށާއި ފަތުރުވެރިކަމުގެ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް މިހާރުވެސް ޤާނޫނުން 99 އަހަރުގެ ލީޒް މުއްދަތަކަށް ކުންފުނިތަކަށް ރަށްތައް ދޫކުރާ އުޞޫލުން ރަސްމާލޭގައިވެސް ޢަމަލުކުރާނީ އެ އުޞޫލާ އެއްގޮތަށް ކަމަށް މިނިސްޓަރ ވަނީ ހާމަކުރައްވާފައެވެ.







.jpg?w=3840&q=75)
