








big_OK1N7nO9yX8VyzSAeDlOlUZlX
ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން، ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަމަންޓް (ފޭސް) ޖަމްއިއްޔާ އިން ގދ. ފިޔޯރީގައި އައުޓުޑޯ ކުތުބުޚާނާއެއް ތަރައްގީކޮށްފިއެވެ.
ފިޔޯރީގެ ކުޑަކުދިންގެ ޕާކު ތެރޭގައި ތަރައްގީ ކުރި އެ ލައިބްރަރީ ހުޅުވާފައިވަނީ އިއްޔެ ހަވީރު އެވެ. އެ ލައިބްރަރީއަށް ފޮތް ހަދިޔާ ކޮށްދެއްވާފައިވަނީ ދަގަތަ ބުކްޝޮޕްގެ ވެރިޔާ، އަބްދުލްރައްޒާގު އަލީ އެވެ. އެކަމާ ގުޅިގެން ފޭސް ޖަމިއްޔާއިން ވަނީ އޭނާއަށާއި، އެ ލައިބްރަރީގެ މަސައްކަތަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި ކޮމިއުނިޓީ ލައިބްރަރީ އެއް ހެދުމުގެ އެންމެ ބޮޑު ބޭނުމަކީ ފޮތް ކިޔުމުގެ އާދަ ކުދިންނާއި ބޮޑެތި މީހުންގެ މެދުގައި އިތުރުކޮށް، ޕާކަށް ދާ ކުދިންނަށް ފަސޭހަ ކަމާއެކު ފޮތް ކިޔުމުގެ މަގު ތަނަވަސް ކޮށް ދިނުމެވެ. އެގޮތުން އެ ލައިބްރަރީ ތަރައްޤީކޮށްފައިވަނީ ކުދިންނަށާއި ބޮޑެތި މީހުންނަށް ފޮތް ކިޔަން ލައިބްރަރީ ގެ ބޭރުގައި ތިބެވޭނެގޮތަށްކަމަށް ފޭސްއިން ބުނެއެވެ.
ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިޖުތިމާއީ ގޮތުން ފިޔޯރީގައި ގިނަ ޙަރަކާތްތަަކެއް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.




