








photo_2022-08-18_19-26-17
ގދ ފިޔޯރީގައި ހިންގާ ލޯކަލް ޓުއަރިޒަމްގެ ބޮޑު މަޝްރޫއުގައި މިއަދު ސޮއިކޮށްފި އެވެ.
ފިޔޯރީ ހުއްޓޭކޮޑާ ސަރަހައްދުގެ ދެ ބިމެއްގައި ހިންގާ މި މަޝްރޫއުގެ ސޮއި ކުރުން މިއަދު އެރަށުގައި ވަނީ ބާއްވާފައެވެ. މި ގޮތުން މިއަދު ސޮއިކޮށްފައިވަނީ ސްޕެކްޓްރާ ޕްރައިވެޓް ލިމިޓެޑާއި މާގޯސަރ ގްރޫޕާއި އެކުގައެވެ. މި އެއްބަސްވުންތަކުގައި ފިޔޯރީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދު އެވެ. ސްޕެކްޓްރާ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ މައުމޫން އެވެ. އަދި މާގޯސަރ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ މެނޭޖިންގ ޑިރެކްޓަރު އައިމަން ޖަމީލް އެވެ.
މި މަޝްރޫއުގެ ދަށުން މާގޯސަރ ގްރޫޕަށް 32 ހާސް އަކަފޫޓުގެ ބިމެއް ވަނީ ކައުންސިލުން ދީފައެވެ. މި ބިމުގައި 24 ކޮޓަރީގެ ލަގްޒަރީ ބީޗް ވިލާތަކެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މިއީ ނިއުޒިލެންޑް ކުންފުންޏަކާއި އެކު ޤާއިމްކޮށްފައިވާ ފޮރިން އިންވެސްޓްމެންޓެކެވެ.
ސްޕެކްޓްރާ ކުންފުންޏަށް ދީފައިވަނީ ފަސްހާސް އަކަފޫޓުގެ ބިމެކެވެ. މި ބިމުގައި އެކުންފުނިން 24 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
ޖުމުލަ 48 ކޮޓަރި ތަރައްޤީކުރާ މި މަޝްރޫއަށް 3.5 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރުމަށް ވަނީ ނިންމާފައެވެ.
ގާފު ނޫހަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ވިދާޅުވީ މި މަޝްރޫއު ވެގެންދާނީ އެރަށުގެ ލޯކަލް ޓުއަރިޒަމް އަންނާނެ އެންމެ ބޮޑު މަޝްރޫއުކަމަށެވެ. އަދި މި މަޝްރޫއުއާއި އެކު މި ދެބިމުން ކައުންސިލަށް 5 އަހަރު ދުވަހަށް ޖުމުލަ 9.5 މިލިއަން ރުފިޔާގެ އެކުއިޒިޝަން ފީއެއް ބިމު ކުލީގެ އިތުރަށް ލިބިގެންދާނެ ކަންވެސް ފައިޒަރު ފާހަގަކުރެއްވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެރަށުގެ ނަރުދަމާއާއި ފެނުގެ ނިޒާމް ޤާއިމްވެގެން ދިޔުމާއި އެކުކަމަށާއި އަމަލީ މަސައްކަތް ފަށާތާ އަހަރެއް ތެރޭ މި ދެބިމުގައި ތަރައްޤީކުރާ ފަތުރުވެރިންނަށް އެންމެ ކޮލެޓީ ހިދުމަތެއް ދިނުމަށް ބޭނުންވާ ހުރިހާ ރިސޯސްތަށް ޤާއިމްވެ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ފައިޒަރު ވިދާޅުވިއެވެ.
ފިޔޯރީ ކައުންސިލުން ފަތުރުވެރިކަމަށް ބިން ދޫކުރުމަށް ނިންމައި އެކަން ގެޒެޓްކުރީ މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުއެވެ. އެގޮތުން ފިޔޯރީ ކައުންސިލުން އެދުވަހު ކުރި އިއުލާނުގައި ބުނެފައިވަނީ އެގޮތުން ހުއްޓޭކޮޑާ ސަރަހައްދުގެ 3 ބިމެއް އަމިއްލަ ޚަރަދުގައި ޓޫރިސްޓް ގެސްޓް ހައުސް އާއި ޓުއަރިޒަމާއި ގުޅުންހުރި ވިޔަފާރިއާއި އަދި އެކަމާއި ގުޅުންހުރި އެހެނިހެން ވަސީލަތްތައް ތަރައްޤީކޮށް އަދި އެތަން އޮޕަރޭޓްކުރުމަށް ވަނީ ޝައުވެރިވާ ފަރާތްތަކަށް ވަނީ ފުރުސަތު ހުޅުވާލާކަމަށެވެ.




