



.jpg?w=3840&q=75)



ކޮންމެ ޓީޗަރަކުވެސް މަސައްކަތް ކުރަންވާނީ ދަރިވަރުންގެ ފުރިހަމަ ގާބިލުކަމަށް ވާސިލްކުރުވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 8 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން އަދާކުރައްވާ ދައުރުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާ ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔޭގައި ޓީޗަރުންގެ ޢިލްމާއި ތަޖުރިބާއަކީ މުހިންމު އެއްޗެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ޓީޗަރުންގެ މަހާސިންތާތައްފަދަ ހަރަކާތަތްކަކީ ޤައުމުގެ މުސްތަގުބަލު ބިނާކުރުމަށް ޓީޗަރުން ކުރައްވަމުންދާ މަސައްކަތުގައި މުހިންމު ހަރަކާތްތަކެއް ކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މިފަދަ ހަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވި ޓީޗަރުން އިސްނަގައިގެން ހަދާ ދިރާސާތަކަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމަށާއި މިފަދަ މަހާސިންތާތަކުގައި ހިއްސާކުރާ މައުލޫމާތަކީ ބަދަލުވަމުން އަންނަ ދުނިޔެއަށް މުހިންމު އެއްޗެއްކަމަށެވެ.
މީގެއިތުރުން އެ ބަދަލުތަކާއެކު ތަޢުލީމީ ނިޒާމުވެސް ބަދަލުވާންޖެހޭ ކަމަށާއި އެގޮތުން، އާޓިފިޝަލް އިންޓެލިޖެންސަކީ ޓީޗަރުންނަށް އައު ފުރުސަތުތައް ފަހިކޮށްދީ ދަރިވަރުންނަށްވެސް ގިނަ ފައިދާތަކެއް ފޯރުކޮށްދޭ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒިންމާދާރު ޓީޗަރެއްގެ ދައުރު އެއްވެސް ޓެކްނޮލޮޖީއަކަަށް އަދާނުކުރެވޭނެ ކަމަށާއި ދަރިވަރުން ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނެރުމަށް އެންމެ ފުރިހަމަ މަސައްކަތެއް ކުރެވޭނީ ޓީޗަރުންނަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
އެހެންވެ ދުނިޔެއަށް އަންނަ ބަދަލުތަކާއެކު ޓީޗަރުންނަށް ބޭނުންވާ ޢިލްމާއި ވަސީލަތްތައް ފޯރުކޮށްދެވެންވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ހަމަމިއާއެކު ކޮންމެ ދަރިވަރަކީވެސް ތަފާތު ދަރިވަރެއްކަން ފާހަގަކުރައްވައި، ފުރިހަމަ ތަޢުލީމީ ނިޒާމެއްގައި ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރެއްގެ ފުރިހަމަ ގާބިލުކަމަށް ވާސިލްވުމުގެ ފުރުސަތު ފަހިވެފައި އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ. އަދި ޓީޗަރުންވެސް ތަޢުލީމު ފޯރުކޮށްދޭންވާނީ އެ ކުއްޖަކާ ގުޅޭގޮތްތަކަށް ބަލައިގެން، ކްލާސްރޫމްތައްވެސް ގާއިމުވެފައި ހުންނަންވާނީ އެ ކުދިންނަށް އެ ފުރުސަތުތައް ފަހިވާގޮތަށް ކަމަށް ވިދާޅުވިއެވެ.




.jpg?w=3840&q=75)



