




.jpg?w=3840&q=75)


މިހާރު ކުރިއަށްދާ 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވާހަކަދައްވަނީ- ފޮޓޯ: ޕީއެސްއެމް
ދަރިވަރުންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި މި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް މިނިސްޓާ އޮފް އެޑިޔުކޭޝަން،ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމަންޓް ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިއަށްދާ 8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ގެންނަ ބަދަލުގައި ޓީޗަރުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ.
މިފަދަ މަހާސިންތާއެއްގެ މުހިންމުކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ޓީޗަރުންނަށް އިންވެސްޓްކުރުމަކީ ގައުމުގެ މުސްތަގުބަލަށްވެސް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ޒަމާނުގައި ޓެކްނޮލޮޖީއަށާއި ވަޒީފާގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އައިސް އޭއައި އެކި ކަންކަމުގައި ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި މި ބަދަލުތަކަށް ދަރިވަރުން ތައްޔާރުކުރުމަށް ޓީޗަރުން މިކަންކަމަށް އަހުލުވެރިވާން ޖެހޭއިރު، މި ކޮންފަރެންސްގެ މަގްސަދަކީ ޓީޗަރުން ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކުލާހުގައި ކިޔަވައިދޭ ގޮތްތަކާއި، ދިރާސާތަކާއި ގުޅުވާލުން ކަމަށްވާއިރު، މި ފުރުސަތުގެ ބޭނުން ޓީޗަރުން ހިފުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.
މި ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ދާއިރާގެ ކުރިއެރުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވާފަ އެވެ. އަދި މިހާރުވެސް ދަރިވަރުން ތައުލީމީ މަރުހަލާގައި ހާސިލްކުރާ މިންވަރު އިތުރުކުރުމަށް މުހިންމު ބަދަލުތަކެއް ކޮންޓެންޓަށް ގެންނަމުންދާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މި އަންނަ އަހަރު ކީ ސްޓޭޖް 1 ގެ ފޮތްތަކަށް ބަދަލު ގެންނަން ނިންމާފައިވާކަމަކީވެސް މީގެތެރޭގައި ހިމެނޭ ކަމެއްކަމަށެވެ.
"ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް މިދަނީ ގެންދަމުން. މިއަންނަ އަހަރު ކީ ސްޓޭޖް ގްރޭޑް 1 ފޮތްތަކަށް ބޮޑު ބަދަލެއް އަންނާނެ. އަޅުގަނޑު މުދައްރިއްސުންނަށް ދަންނަވާލަން ބޭނުންވަނީ، ފޮތްތައް ބަދަލުކުރެވުނަސް ހަޤީޤީ ބަދަލެއް އަންނާނީ ތިޔަ ބޭފުޅުންގެ މަސައްކަތުންނޭ." މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސާނަވީ ތައުލީމު ހާސިލް ކުރާ ދަރިވަރުންނާއި މަތީ ސާނަވީއަށް ދާ ދަރިވަރުންގެ މެދުގައި އޮތް ފަރަގު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން މަތީ ސާނަވީ ތައުލީމަށް ދާ ދަރިވަރުންގެ އަދަދު 40 އިންސައްތައިން މިހާރު 50 އިންސައްތައަށް އިތުރުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މާލޭ ވޮކޭޝަނަލް ހައިސް ސްކޫލާއެކު މި އަދަދު 60 އިންސައްތައަށް މަތިކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ޓީޗަރުން މުޖްތަމައުގެ ތެރޭގައި ހަރަކާތްތެރިވާ މިންވަރު އިތުރުކުރަން ގޮވާލައްވާފަ އެވެ. އަދި ޓީޗަރުންނަކީ މުޖްތަމަޢުގެ ތެރޭގައި ބާރާޢި އިޚްތިޔާރު އޮންނަ ބައެއްކަން ޤަބޫލުކުރަން ޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މި ބާރާއި އިޚްތިޔާރު ހަނިކުރެވިއްޖެ ނަމަ ދަރިވަރުންގެ ތަޢުލީމީ ހަޔާތުން މުހިންމު ބައެއް ގެއްލިގެންދާނެކަން ފާހަގަކޮށްފަ އެވެ. އެހެންކަމުން ބެލެނިވެރިންނާއި، ދަރިވަރުން އަދި މުޖުތަމައުގެ އެހެން ފަރާތްތަކުންވެސް މިކަމަށް އެއްބާރުލުން ދިނުމަށް މިނިސްޓަރު ވަނީ ނަސޭހަތްތެރިވެފަ އެވެ.








