
capture-74-876x543
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނަށް ތައުލީމު ފޯރުކޮށްދިނުމަށްޓަކައި ޖަލުގައި ތަރައްގީކުރި ކްލާސްރޫމްތަކުގެ މަސައްކަތް ނިމިއްޖެ އެވެ.
ކަރެކްޝަނުން ބުނީ އެ ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ކިޔަވައިދިނުމަށް ތަރައްގީ ކުރެވުނު ކުލާސް ރޫމްތަކުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދިރާސީ އައު އަހަރާ އެކު އެކުދިންނަށް ކިޔަވައިދޭން ފެށޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ޖަލުގައި ތިބ ކުޑަކުދިންނަށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއި އެކުގައި ކަރެކްޝަނުން ސޮއި ކުރީ މި މަހުގެ 6 ވަނަ ދުވަހުގަ އެވެ.
ކަރެކްޝަނުން ބުނީ އެ އެއްބަސްވުމުގެ މަގްސަދަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާ އާއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދެއްގައި ކުއްޖަކު ބަހައްޓަންޖެހޭ ހާލަތުގައި، އެއްވެސް ތަފާތުކުރުމެއް ނެތި ކުއްޖާގެ އުމުރުފުރާ އާއި ގުޅޭގޮތަށް ކުއްޖާއަށް ތައުލީމު ލިބިދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ކަނޑައަޅާފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުޑަކުދިން ބަހައްޓާ މަރުކަޒަށް ގެނެވޭތާ އެއް މަސް ދުވަސް ތެރޭގައި އެމްސީއެސްގެ އެހީގައި އެ މަރުކަޒު ހުރި ރަށުގެ ސްކޫލްގެ މުދައްރިސުން މެދުވެރިކޮށް އެ ކުއްޖާގެ ތައުލީމީ ފެންވަރު ބެލުމަށް އެކަޑެމިކް އެސެސްމަންޓް ހެދުމާއި ރިޕޯޓް ތައްޔާރުކުރުމަށްފަހު އެ ކުއްޖާގެ ފެންވަރުގެ މައްޗަށް ބިނާކޮށް އިންޑިވިޖުއަލް ލާނިން ޕްލޭން ތައްޔާރުކުރުމާއި އެ ކުއްޖާ ބަންދުގައި ހުންނަ މުއްދަތުގައި ކިޔެވުން ކުރިއަށް ގެންދާނެ ޕްލޭނެއް ތައްޔާރުކުރުމެވެ.
އަދި އެމްސީއެސްގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުދިންނަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާޔަތްދިނުމާއި ކުދިން ކްލާސްތަކަށް ހާޒިރުކޮށްދިނުމާއި ކިޔެވުމަށް ބޭނުންވާ ތަކެތި ހޯދުމާއި މުދައްރިސުންގެ ސެކިއުރިޓީ ބެލެހެއްޓުން ފަދަ ކަންތައްތައް ހިމެނެ އެވެ.
ކުށްކުރާ ކުޑަކުދިންނަށް ގާނޫނުން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އެމްސީއެސްއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން އެ ކުދިން ބޭތިއްބުމަށް އެމްސީއެސްއިން ވަނީ މި އަހަރު އައްސޭރި ޖަލުގައި ޖުވެނައިލް ޑިޓެންޝަން ސެންޓަރއެއް ހުޅުވާފައެވެ. އެ ސެންޓަރަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު އަދި ޔުނައިޓެޑް ނޭޝަންސްގެ މިނިމަމް ސްޓޭންޑަރޑް ފޮރ ދަ ޓްރީޓްމަންޓް އޮފް ޕްރިޒަނަސް (މަންޑޭލާ ރޫލްސް) ގައި ބަޔާންކޮށްފައިވާ ކަންތައްތަކާ އެއްގޮތަށް ގާއިމްކުރެވިފައިވާ ސެންޓަރެކެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)

