
މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 92000 ރުފިޔާ ހޯދި ދެ މީހުން- ފޮޓޯ: ފުލުހުން
މަކަރާއި ހީލަތުން މީހެއްގެ އެކަައުންޓުން 92،000 ރުފިޔާ ހޯދި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ފައިންޕާކް / ހއ. ހޯރަފުށި މުޙައްމަދު ފަޒީލް (23އ) އަދި ފައިންބީޗް / ގދ. ފިޔޯރީ އަބްޝަރު ރަޝީދު (23އ) ކަމަށެވެ.
ފުލުހުން ބުނީ މި މީހުން ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޕީޑީ ކާޑު ހިއްސާކުރުމުން ގޮތް ނޭންގޭ ޓްރާންސެކްޝަންއެއް ހިންގައިގެން، އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.
މި މައްސަލަ ހުށަހެޅުމާއެކު، ފުލުހުން މައްސަލައިގެ ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި އަދި އެކަމުގައި ބައިވެރިވި އިތުރު މީހަކު ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހަގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ ތަކުރާރުކޮށް ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރަމުންނެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)

