އިއްޔެ އެކްސިޑެންޓްވި ކާރު ލަމްބޯގިނީ- ފޮޓޯ: ސޯޝަލް މީޑިއާ
ބްރިޖްގެ ހައިވޭގައި ދުއްވާފައި ދިޔަ ލަމްބޯގިނީ އެކްސިޑެންޓްވީ ހާދިސާގައި ކާރު ދުއްވަން އިން ހަސަން ރިފާއުގެ ލައިސެންސް ފުލުހުން ހިފަހައްޓައި، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ އިއްޔެ ހެނދުނު 08:42 ހާއިރު އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ކާރު ކޮންޓްރޯލުން ނެއްޓި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑުތަކުގައި ޖެހިގެން ކަން ފުލުހުން ބުނެފައިވާއިރު، ކާރު ދުއްވަން މިޔްނިކް، ބ.ކަމަދޫ، ހަސަން ރިފާއު (40އ) އިން އިރު ކާރުގައި އިތުރަށް 13 އަހަރުގެ ކުއްޖެއް އިން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާގައި ހޮޅިދަނޑީގައި ކާރު ޖެހި ފުރޮޅާލާފައިވާއިރު، ކާރުގައި ތިބި ދެމީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށެވެ. އަދި އެދެމީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފުލުހުން ބުނީ ކާރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި މި މައްސަލާގައި ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކުރުމަށްފަހު، ކާރުގެ ބައިތައް މިހާރު އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑއޯތަކުގައިވާގޮތުން މި ހާދިސާގައި ބްރިޖްގެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުގެ ތެރެއިން ބައެއް ޕެނަލްތައްވެސް ވަނީ ވެއްޓިފަ އެވެ.



.jpg?w=3840&q=75)



.jpg?w=3840&q=75)


