








236463_7dbb36b7-f_
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މިސްކިތް، "މަސްޖިދު ރަޝީދު" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުވައިދެއްވައިފިއެވެ.
"މަސްޖިދު ރަޝީދު" އަކީ އަލް މަރްޙޫމް ޢަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި އަންހެނުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް އިންތިޒާމު ހަމަޖައްސާފައިވެއެވެ.
މި މިސްކިތް ހުޅުވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާލައްވާފައެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި މިސްކިތް ބިނާކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އިންނެވެ.
މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރު.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.




