








8b20add3-5472-415e-893a-ba6e221af6da
ސިވިލް ސާވަންޓުންނަށް ތަމްރީން ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން 13 ވަނަ ބެޗް އެގައުމަށް ފުރަން ތައްޔާރުވެއްޖެ އެވެ.
އަންނަ ހޯމަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ މި ބެޗްގައި ހިމެނެނީ 38 ސިވިލް ސާވަންޓުންނެވެ. އެ ޕްރޮގްރާމް ކުރިއަށްދާނީ އިންޑިއާގެ ނިއު ދިއްލީ އާއި މައިސޫރުގައެވެ.
މީގެކުރިން ވެސް މިފަދަ ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ސިވިލް ސާވަންޓުން އިންޑިއާ އަށް ގޮސްފައިވެއެވެ.
ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) އާ ދެމެދު ގާއިމު ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މިއީ 2019 ވަނަ އަހަރުގެ ޖޫން މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ފުރަމާނަ ދަތުރުފުޅެއްގައި ސޮއިކުރެއްވި އެއްބަސްވުމެކެވެ.
މި އެމްއޯޔޫގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 މުވައްޒަފުން ތަމްރީން ކުރާއިރު، މި އަހަރާއި މިއަންނަ އަހަރު ވެސް އިތުރު މުވައްޒަފުން އިންޑިއާ އަށް ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.








