




.png?w=3840&q=75)
.jpg?w=3840&q=75)

އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދިނުމަށް އަންނަނީ މަސައްކަތްކުރަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާގެ މި ހަފުތާގެ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ސިލްސިލާގައި ރައީސް އާ ބައްދަލުކުރި މީހަކު ވަނީ ޓެމޫއިން އޯޑަރުކުރުމަށް ހުރި ދަތިތައް ހިއްސާކޮށްފައެވެ. އަދި ގިނަ ރައްޔިތުންނަކީ ޓެމޫއިން ތަކެތި ގެންނަ ބައެއްކަމަށާއި މިހާރު އެ ވިޔަފާރިކުރުމަށް ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރިއެވެ.
މިކަމާ ގުޅިގެން ރައީސް ވަނީ ޓެމޫ ފަދަ އޮންލައިން ޕްލެޓްފޯމްތަކުން ވިޔަފާރި ކުރުމަަށް ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާކަމަށާއި އެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ރައީސްއާ ބައްދަލުކުރެއްވި ލޯފަން މީހަކުވެސް ވަނީ އެމީހުންނަށް ދިމާވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި މިސްކިތްތަކުގެ ސަފުތަކާއި ގިބުލަ އެމީހުންނަށް ފަސޭހައިން އެނގޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރިއެވެ. އަދި އާރްޓީއެލް ބަހުގައި ދަތުރުކުރާއިރު ބަސް މަޑުކުރާ ސަރަޙައްދު ނޭގުން ފަދަ ކަންކަން ހިއްސާކުރިއެވެ.
އޭނާ ރައީސްގެ ކިބައިން އެދުނީ ބަސް ދަތުރުކުރާއިރު އެ ބަސް ހުއްޓަނީ ކޮން ސަރަޙައްދަކަށްކަން އެނގޭނެ ނިޒާމެއް ހަމަޖައްސައިދިނުމަށެވެ. އަދި ބޮޑު ތަކުރުފާނު މަގު މިހާރު ހަދާފައި އޮތް ސަރަޙައްދު ލޯފަން މީހުން ފަދަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަކަން ފާހަގަކުރައްވާ ދެން ހުރި މަގުތައް ހަދާއިރުވެސް އެކަންކަމަށް ސަމާލުކަން ދިނުމަށް އެދިފައިވެއެވެ. މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ވިދާޅުވީ އޭނާ ހިއްސާކުރި ކަންބޮޑުވުންތައް ހައްލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.
ރައްޔިތުންގެ އަޑު ސިލްސިލާގެ ތެރެއިން މިހާތަނަށް 9 ޕްރޮގްރާމެއް ގެނެސްދީފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާތަނަށް 101 މީހުންނާ ބައްދަލުކުރައްވާ އެމީހުންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ. އަދި މި ބައްދަލުކުރެއްވުންތަކުގެ ތެރެއިން ރައްޔިތުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުގެ ކަމާގުޅޭ ވުޒާރާތަކާ އިދާރާތަކާ ގުޅިުގެން މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.






.jpg?w=3840&q=75)

