



.jpg?w=3840&q=75)



.png?w=3840&q=75)
Thinadhoo Court
މެޖިސްޓްރޭޓް ކޯޓްތަކެއްގެ ފަނޑިޔާރު ކަމަށް، ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، ތިން ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.
އެކޮމިޝަނުން ހާމަކުރި ގޮތުގައި ފަނޑިޔާރުން އައްޔަން ކުރަން ނިންމީ ގުރައިދޫ މެޖިސްޓްރޭޓު ކޯޓާއި، ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓާއި، ހދ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށެވެ. އެ ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުން މިހާރު ކަނޑައަޅާފައިވާއިރު، ގުރައިދޫ މެޖިސްޓްރޭޓު ކޯޓަށް އައްޔަން ކުރަނީ ޢާއިޝަތު އިބްރާހީމް އެވެ.
އާއިޝަތު އިބްރާހީމް ވަނީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއާތާއި ޤާނޫނުން ބެޗްލަރސް ޑިގްރީ ވިތް އޮނާރސް އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައެވެ. މީގެ އިތުރުން، އޭނާ ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި ހަތަރު އަހަރު ދުވަހު މަސައްކަތް ކުރައްވާފައެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރގެ މަގާމުގައި ތިން އަހަރު މަސައްކަތް ކުރައްވާފައި ވެއެވެ.
ގދ. ތިނަދޫ މެޖިސްޓްރޭޓު ކޯޓަށް އައްޔަންކުރުމަށް ހަމެޖެހިފައިވަނީ ނަޝާޠަތު ޒައީމާ އެވެ. ނަޝާޠަތު ޒައީމާ އަކީ ކުއްލިއްޔަތުލް ދިރާސާތިލްއިސްލާމިއްޔާއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާރސް ހާސިލްލްކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕޮރޮސެކިއުޓަރ އަދި ޕަބްލިކް ޕްރޮސެކިއުޓަރގެ މަގާމުގައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓަށް އައްޔަންކުރާ، ލިއުޝާދު އަބްދުއް ސައްތާރު އަކީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީއާ އެންޑް ލޯ (ސްޕެޝިއަލައިޒޭޝަން އިން ކްރިމިނަލް ލޯ) ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ލޯފާރމެއްފައި ދެ އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ ފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ 2022 އޮގަސްޓް 01 ވަނަ ދުވަހެވެ.




.jpg?w=3840&q=75)