



.jpg?w=3840&q=75)




މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރި 4 ފަނޑިޔާރުން- ފޮޓޯ: ޕީއެސްއެމް
މެޖިސްޓްރޭޓް ކޯޓުތަކަށް 4 ފަނޑިޔާރުން އައްޔަންކޮށްފި އެވެ.
މި ބޭފުޅުންނަށް ހުވައިލައިދެއްވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި ހުވައިލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޒް މަރްޔަމް ވަހީދު އެވެ.
މި 4 ބޭފުޅުން އައްޔަންކޮށް މަގާމުގެ ހުވައިލައިދެއްވީ، މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަނުން މި މަހުގެ 3 ވަނަ ދުވަހު ހުޅުވާލި ފުރުސަތަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކަށް އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާއެރުވުމުންނެވެ.
ފަނޑިޔާރުކަމުގެ ހުވައި ކުރައްވާފައިވާ 4 ބޭފުޅުންނަކީ، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ހއ.ހޯރަފުށީ ވާރޭވިލާ، އަލްއުސްތާޛު ފަތުޙުﷲ ޢަލީ، މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ.ގޮއިދޫ ލިލީވިލާ، އަލްއުސްތާޛާ ދިޔާނާ މަޖީދު، މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ބ.އޭދަފުށީ ހުސްނުހީނާގެ، އަލްއުސްތާޛު ޙުސައިން ރަމީޒް، އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް ޏ. ފުވައްމުލަކު މާދަޑު.ހުމަށި، އަލްއުސްތާޛާ މަރްޔަމް ޢާޞިރާ އެވެ.
ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުނު އަލްއުސްތާޒް ފަތުހު ﷲ އަލީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެލްޗާ އޮފް ޝަރީއާ އެންޑް ލޯ (އޮނާސް ހާސިިލްކުރައްވާފައިވާއިރު،ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 7 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. އަދި އޭނާ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު އިރު ހުންނެވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖަރ ލީގަލްގެ މަޤާމުގަ އެވެ.
ގޮއިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުނު އަލްއުސްތާޒް ދިޔާނާ މަޖީދު އަކީ ޝަރުއީ ދާއިރާގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ފަރާތެވެ. އަދި އަލްއުސްތާޒް ދިޔާނާ މަޖީދު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައިވާއިރު، ޕްރައިވެޓް ލިމިޓެޑްގެ ލީގަލް ކައުންސިލްގެ މަޤާމާއި ފިއުލް އެކްސްޕްރެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހެޑް އޮފް ހިއުމަން ރިސޯސް އެންޑް ލީގަލް އެފެއާޒްގެ މަޤާމު ފުރުއްވާފަ އެވެ.
މީގެއިތުރުން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރެވުނު އަލްއުސްތާޒް ހުސައިން ރަމީޒް މަގާމަށް އައްޔަންކުރެއްވިއިރު، އޭނާ ވަނީ ފަތުރުވެރިކަމާއިބެހޭ ވުޒާރާގެ ލީގަލް އެސިސްޓެންޓްގެ މަގާމާއި ސިއްހީ ވުޒާރާގެ ލީގަލް އޮފިސާރ ކަމުގެ މަގާމް ފުރުއްވާފަ އެވެ. އަދި އޭނާ ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ލޯ އަދި ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނަރސް) ޙާސިލްކުރެއްވުމުގެ އިތުރުން، ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފަ އެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރި އަލްއުސްތާޒާ މަރްޔަމް އާސިރާ ވަނީ ޝަރުއީ ދާއިރާގައި 13 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯ ޙާސިލްކުރައްވާފައިވާއިރު، މި މަގާމަށް އައްޔަންކުރެވުނުއިރު ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގަ އެވެ. އޭގެ ކުރިން ޑްރަގް ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރގެ މަޤާމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އިންވެސްޓިގޭޝަން އޮފިސަރގެ މަޤާމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އެސިސްޓަންޓް ޑިރެކްޓަރ އިންވެސްޓިގޭޝަންގެ މަޤާމުވެސް އަދާކުރައްވާފައިވެ އެވެ.




.jpg?w=3840&q=75)