.jpg?w=3840&q=75)








ގައުމީ ވޮލީ ލީގު ޗެމްޕިއަން ޑީއެސްސީގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ގައުމީ ވޮލީ ލީގު ފަހު މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން އެޗްޑީސީ ބަލިކޮށް ޑީއެސްސީ އިން ލީގު ޗެމްޕިއަންކަން ދިފާއުކޮށްފިއެވެ.
ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ޑީއެސްސީ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު، މިމެޗުން ބަލިވި އެޗްޑީސީ އިން ލީގު މެޗުތައް ނިންމާލީ ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓް ވަރަށް ވާދަވެރި ކުޅުމަކަށްފަހު 26-24 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޑީއެސްސީ އިން ވަނީ މެޗުގެ ނަތީޖާއެއްވަރުކޮށްފައެވެ.
މެޗުގެ ތިންވަނަ ސެޓްގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޑީއެސްސީ އިން ކާމިޔާބުކުރީ 26-24 ގެ ނަތީޖާއަކުންނެވެ. އަދި މިސެޓާއެކު ލީގު ޗެމްޕިއަންކަން ޑީއެސްސީ އިން ކަށްވަރުކުރިއިރު، މެޗުން މޮޅުވެ ލީގުގެ ދެވަނަ ހޯދުމުގެ ފުރުސަތު އެޗްޑީސީއަށް އޮތެވެ.
ނަމަވެސް މެޗުގެ ހަތަރުވަނަ ސެޓުގައި އެޗްޑީސީގެ ފަރާތުން ވަރަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ޑީއެސްސީ އިން ކާމިޔާބުކުރީ ހަތަރު ޕޮއންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްސީގެ ހުސެއިން ރައްޒާން އެވެ.
މިނަތީޖާއެކު ގައުމީ މުބާރާތުގެ ފުރަތަމަ ސެމީގައި ޑީއެސްސީއާއި ޕޮލިސް ވާދަކުރަންޖެހުނުއިރު، އެމެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެއެވެ. އަދި ސެމީގެ ދެވަނަ މެޗުގައި އެޗްޑީސީ އާއީ ލަޔަންސް ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ސެމީގެ ތިންވަނަ މެޗުގައި ވާދަކުރަން ޖެހޭނީ ސެމީގެ ފުރަތަމަ މެޗުން ބަލިވާ ޓީމަކާއި ދެކޮޅަށެވެ.




.jpg?w=3840&q=75)



