




%20(1).jpeg?w=3840&q=75)



013-ameer-869x580
މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 100 ބިލިއަން ރުފިޔާއާ ގާތްކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ދައުލަތުގެ ދަރަނި ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު ހުރި އަދަދަކީ ބޮލަކަށް 182،943ރ. ޖެހޭ ވަރުގެ އަދަދެކެވެ.
ފިނޭންސް މިނިސްޓްރީއިން މި ހަފްތާގައި އާންމުކުރި މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހާ ހަމައަށް ސަރުކާރުން ރާއްޖޭގެ ބޭރާއި އެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނި އަދި ސަރުކާރުން ޒިންމާ ނަގާގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ޖުމްލަ އަދަދު ވަނީ 98.9 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.
އެގޮތުން ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގައެވެ. އެއީ ބޭރުގެ ދަރަނީގެ ގޮތުގައި ހުރި 33 ބިލިއަން ރުފިޔާގެ އިތުރުން، އެތެރޭގެ ދަރަނީގެ ގޮތުގައި ހިމެނޭ 52 ބިލިއަން ރުފިޔާއެވެ.
ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ 46 ބިލިއަން ރުފިޔާގައި ކަަމަށް ދައްކާއިރު، އޭގެ ތެރޭގައި އެތެރޭގެ ދަރަނި ހުރީ 56 ބިލިއަން ރުފިޔާގައެވެ.
ފިނޭންސްގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 ޕަސެންޓަށް ކުޑަވެފައެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104 ޕަސެންޓުގައެވެ.
އަދި މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގައި ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 10 ބިލިއަން ރުފިޔާ ދަށްކޮށެވެ.








