


%20(1).jpeg?w=3840&q=75)





އައްޑޫ ފޭދޫ އަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން- ފޮޓޯ: މީސްމީޑިއާ
ރާއްޖޭގެ އެކިހިސާބަށް މޫސުން ގޯސްވެ، ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި މޫސުމީ މަޢުލޫމާތުގައިވާ ގޮތުން، ކުރިއަށް އޮތް ވަގުތުތަކުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
މީގެއިތުރުން، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 4 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ.
އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި ޚާއްޞަކޮށް ވިލާގަނޑުގައި ކަނޑުތައް ގަދަވެ ވައިބާރުވާނެތީ، ކުދި އުޅަނދުފަހަރުގައި ދަތުރުކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަންގާފައެވެ.
ސެޕްޓެމްބަރު މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް މި މަހު ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ. އަދި އެހެން ހިސާބުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް މި މަހު ވާރޭވެހޭ މިންވަރަަށްވުރެ ގިނައިންނެވެ.
ފިނިހޫނުމިނަށް ބަލާއިރު، ސެޕްޓެމްބަރު މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެމިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.



%20(1).jpeg?w=3840&q=75)
