
PHOTO-2021-08-25-10-19-34
ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވާލައި، އަންނަ 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޢާންމުންނަށް ހުޅުވާލެވޭނެކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާރ ލިމިޓެޑުން ބުނެފިއެވެ.
އިންޑިއާއަށް މިހާރު ޒިޔާރަތްކުރަމުންދާ ދިވެހި ނޫސްވެރިންގެ ޓީމަށް އިއްޔެ މައުލޫމާތު ދެއްވަމުން އެކުންފުނީގެ ފަރާތުން ބްރިޖުގެކަންކަން އިސްވެ ބައްލަވާ ޑިރެކްޓަރު އޮފް އޮޕަރޭޝަން އާރްވީއާރް ކިޝޯރު ވިދާޅުވީ، އެކުންފުނިން ހަވާލުވާ މަޝްރޫޢުތައް ބަރާބަރަށް، ސީދާ ދުވަހަށް ނުވަތަ އޭގެ ކުރިންވެސް ނިންމުމުގެ ރިކޯޑް އޮންނާނެކަމަށެވެ. އެގޮތުން ތިލަމާލެ ބްރިޖުވެސް ކަނޑައެޅިފައިވާ ތާރީޚަށް ނިންމޭނެކަމުގެ %100 ޔަޤީންކަން އެބައޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ކިޝޯރު ވަނީ ބުރިޖުގެ ބައެއް މަސައްކަތްތަށް ނިމޭނެ ކަމަށް އެކުންފުނިން ލަފާކުރާ ބައެއް މުއްދަތުތަށް ހާމަކުރައްވާފައެވެ. އެގޮތުން މާލެ އިން ވިލިމާލެ އަށް ގުޅާލުން އަންނަ އަހަރުގެ ޖުލައި 23 އަށް ނިމޭނެ ކަމަށާއި މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށޭނެކަން ކިޝޯރު ފާހަގަކުރެއްވި އެވެ. އަދި ގުޅިފަޅާއި ތިލަފުށި އަންނަ އަހަރު ޑިސެމްބަރުގައި ގުޅާލާ ނިމޭނެ ކަމަށާއި މުޅި ޕްރޮޖެކްޓުގެ މަސައްކަތް އެއްކޮށް ނިމި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރާއި ހަވާލުކުރެވޭ ވަރު ވާނެކަން އޭނާ ފަހަގަކުރެއްވި އެވެ.
މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ އަޕްޑޭޓެއް ދެއްވަމުން ކިޝޯރު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޖިއޯޓެކްނިކަލް ސަރވޭގެ މަސައްކަތް ކަމަށާއި އެ ސާރވޭގެ %50އަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ނިންމާލާފައިވާ ކަމަށެވެ. އަދި ކަނޑު ގަދަވުމުގެ ސަބަބުން ސާރވޭގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރިނަމަވެސް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އެ ސާރވޭގެ މަސައްކަތް ނިންމާލެވޭނެކަން އޭނާ ފަހަގަކުރެއްވި އެވެ.
އަދި ބްރިޖް މަޝްރޫޢުގެ ދަށުން ކުރާ ސާރވޭއަށް ރިޔާއަތްކޮށް ޑިޒައިންގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށާ، މައި ބުރިޖު އެޅުމަށްޓަކައި އަޅާ ވަގުތީ ބްރިޖުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ބްރިޖްގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓުމަހުގެ 16ވަނަ ދުވަހުއެވެ. މި ބިޔަ މަޝްރޫޢުގައި އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ.
ބްރިޖް މަޝްރޫޢު ފެށުމަށް ހަދަންޖެހޭ ސާރވޭ ހަދަމުން އަންނަނީ އެކަމަށްޓަކައި ގެނެސްފައިވާ ޚާއްޞަ އުޅަނދަކުންނެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





