
FSXzDbFUcAAPeSV-1024x683
މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ވެސް އެ ގައުމުގައި ތިބެގެން އެސްއެސްސީ އިމްތިހާނު ހެދުމުގެ ފުރުސަތު ދޭން އެޑިއުކޭޝަން މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.
މިއަދު މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަން އިފްތިތާހުކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓްރީ ބުނީ ކުރިޔަށް އޮތް ޖޫން މަހުގެ 1 އިން 6 ގެ ނިޔަލަށް ކުރިއަށްދާ އެސްއެސްއީ އިމްތިހާނުގައި މެލޭޝިޔާގައި ދިރިއުޅޭ 6 ދަރިވަރަކު ބައިވެރިވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. އެ ކަމަށްޓަކައި ހައި ކޮމިޝަންގެ ދެ މުވައްޒަފަކު ވަނީ އެގްޒަމިނޭޝަން އޮފިސަރުންގެ ގޮތުގައި ތަމްރީނުކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަަވަމުން މިނިސްޓަރު ވިދާޅުވީ އިސްލާމީ ތަރުބިއްޔަތާއި ދިވެހި ބަހަކީ، ދިވެހިވަންތަކަމުގެ އެންމެ މުހިއްމު ދެ ރުކުންކަމަށާއި އެއީ ދިވެހިރާއްޖޭގެ އައިޑެންޓިޓީގެ މުހިއްމު ދެ ތަނބު ކަމަށާއި ދިވެހި ކޮންމެ ދަރިވަރަކީ ބަހާއި ސަގާފަތަށް އަހުލުވެރި އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުވެ ބޮޑެތިވާ ދަރިވަރުންކަމުގައި ހެދުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
"މެލޭޝިޔާގައި ކިޔަވަން އުޅޭ ދިވެހި ކުދިންގެ ތެރޭގައި ވަރަށް ތުއްތު އުމުރުން ފެށިގެން މި ތަނުގައި ދިރިއުޅެ، ބޮޑެތިވާ ކުދިން އެބަތިބި. ރާއްޖޭގައި ނޫޅުނު ކަމުގައި ވިޔަސް މި ކުދިންނަށް އަޅުގަނޑުމެންގެ ސަގާފަތާއި ބަހާއި ދީން އުނގަންނައިދިނުމަކީ މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓްރީން ބުނީ ދެން ކޮންމެ އަހަރަކުވެސް މެލޭޝިއާގައި މި އިމްތިހާނު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އިމްތިހާނަށް ތައްޔާރުވުމަށްޓަކާ ދަރިވަރުންނާ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން މިނިސްޓްރީން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދަރިވަރުންނަށް ބޭނުންވާ އިސްލާމް އަދި ދިވެހި ޓެކްސްޓް ފޮތްތައް ވެސް މިނިސްޓްރީއިން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
އެ ރަސްމިއްޔާތު ނިންމާލުމަށް ފަހު މިނިސްޓަރު ވަނީ މެލޭޝިއާގައި ދިރިއުޅޭ ބައެއް ދިވެހިންނާ ބައްދަލުކުރައްވާ، އެ ގައުމުގައި ތިބި ދިވެހި ކުދިންނަށް އިސްލާމާއި ދިވެހި ކިޔަވައިދިނުމުގައި ދިމާވާ ދަތިތަކާ އަދި އެކަންތައް ހައްލުކުރުމަށް މިނިސްޓްރީން ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޓީމް ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ޝާޒޭ ޑި އެފެއާޒް މަރިޔަމް މިޒްނާ ޝަރީފް އަދި ހައިކޮމިޝަންގެ އިސްވެރިންނާ ބައްދަލުކުރައްވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ ކިޔަވައިދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.












