
-
މެލޭޝިއާގެ ޖޮހޯރް ސްޓޭޓްގައި ގައުމީ ދިދަ އަދި ޖޮހޯރް ސްޓޭޓްގެ ދިދަ އެކޮޅުކޮޅުން ނެގި މައްސަލަތަކަކާ ގުޅިގެން 5 މީހަކު ހައްޔަރުކޮށް، 3 މައްސަލައެއް ތަހުގީގުކުރަން ފަށައިފިއެވެ.
'މެލޭ މެއިލް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޮހޯރްގެ ޑެޕިއުޓީ ޕޮލިސް ޗީފް ހޫ ޗުއާން ހުއަޓް ވިދާޅުވީ މި ތިން މައްސަލަ ރިޕޯޓުކޮށްފައިވަނީ ކުލާއީ، އިސްކަންދަރު ޕުޓެރީ އަދި ޖޮހޯރް ބާރޫ ސައުތު ފުލުހުންގެ އިދާރާތަކަށް ކަމަށެވެ.
އަދި މި މައްސަލަތަކުގެ ތަހުގީގުތައް ފުރިހަމަކުރުމަށްފަހު، އިތުރު ފިޔަވަޅު އެޅުމަށް ވަރަށް އަވަހަށް އެޓަރނީ ޖެނެރަލްގެ އޮފީހަށް (އޭޖީ) ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ އެކި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އެގޮތުން ކުލާއީގައި ހިނގި ހާދިސާއާ ގުޅިގެން 34 އަހަރުގެ ފިރިހެނަކާއި 48 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާއިރު، ޖޮހޯރް ބާރޫ ސައުތުން ވަނީ 25 އަހަރާއި 43 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައެވެ. އަދި އިސްކަންދަރު ޕުޓެރީ އިން ހައްޔަރުކޮށްފައިވަނީ 56 އަހަރުގެ ފިރިހެނެކެވެ.
މި ހާދިސާތަކާ ގުޅިގެން ފުލުހުން ވަނީ ވިޔަފާރިވެރިންނާއި، ސުޕަވައިޒަރުން އަދި މުވައްޒަފުން ދިދަ ނެގުމުގައި އިތުރަށް ސަމާލުވުމަށް އަންގާފައެވެ.
ގައުމީ އަދި ސްޓޭޓް ދިދައަށް އިހުތިރާމް ކުޑަވާ ފަދަ އަމަލުތައް ތަކުރާރު ނުކުރުމަށާއި، ދިދަ ނެގުމަށްފަހު ރަނގަޅަށް ޗެކްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.










%20(1).jpeg?w=3840&q=75)

