








salgado
ފުޓްބޯޅައިގެ ޑިވެލޮޕްމަންޓްގެ ބިޔަ ޕްރޮޖެކްޓެއްގައި، ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ފުޓްބޯޅަ އެޑިއުކޭޝަން ކްލަބާ އެކު އެފްއޭއެމުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ޤާއިމްކުރާ ފުޓުބޯޅަ ސްކޫލް ހިންގުމުގެ އިތުރުން މުޅި ރާއްޖޭގައި ގާއިމު ކުރާ 18 އެކެޑެމީއެއް އެ ކްލަބްގެ ބެލުމުގެ ދަށުން ހިންގާނެއެވެ. އެގޮތުން ފުޓްބޯޅަ ސްކޫލްގެ ޓްރޭނިންތައް ކުރިއަށް ގެންދާނީ ސަލްގާޑޯގެ ބެލުމުގެ ދަށުންނެވެ. އަދި ފުޓްބޯޅަ ސްކޫލަށް ބޭނުންވާ ކޯޗުން ވެސް ކަނޑައަޅާނީ ސަލްގާޑޯ އެވެ.
ހުޅުމާލޭގައި ޤާއިމްކުރާ ފުޓުބޯޅަ ސްކޫލަށް ކުދިން ހޯދާނީ ރާއްޖޭގައި ގާއިމު ކުރާ 18 އެކެޑެމީއެއްގެ ތެރެއިންނެވެ. އުމުރުން 13 އަހަރުވުމުން އެކެޑެމީތަކުން ފާހަގަ ކުރެވޭ ފުޓްބޯޅައިގެ އެންމެ މޮޅެތި ކުޅުންތެރިން ގެންނާނީ ހުޅުމާލޭގެ ފުޓްބޯޅަ ސްކޫލަށެވެ. އެ ސްކޫލުގައި 17 އަހަރު ފުރެންދެން ޓްރޭނިތައް ކުރިއަށް ގެންދާނެ އެވެ.
މި އެއްބަސްވުމުގެ ދަށުން އުމުރުން 7 އަހަރުން ފެށިގެން 12 އަހަރާ ދެމެދުގެ ކުދިންގެ ޑިވެލޮޕްމަންޓް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތްކުން 18 އެކެޑެމީއެއްގަ އެވެ.
އެކަޑަމީގެ ޕްރޮގްރާމް ހިންގާނެ ރަށްތައް:
ހދ. ކުޅުދުއްފުށި
ނ. ކެނދިކުޅުދޫ
ބ. އޭދަފުށި
އދ. މަހިބަދޫ
ދ. ކުޑަހުވަދޫ
ލ. ގަން
ގދ. ތިނަދު
ޏ ފުވައްމުލައް
އައްޑޫގެ ދެ ސަރަހައްދެއްގައި
މާލޭ ސަރަހައްދުގައި 8 އެކެޑެމީ
މި ރަށްތައް ކަނޑައަޅާފައިވާގޮތާ ގުޅޭގޮތުން އެފްއޭއެއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ވިދާޅުވީ މި ރަށްތަކަކީ މިހާރުވެސް އެފްއޭއެމްގެ ބައެއް ޕްރޮގްރާމްތައް ހިންގާ ރަށްތަކުގެ އިތުރުން އެ ރަށްތަކުގެ އާބާދީ އާއި ފުޓްބޯޅައިގެ ހުނަރު، މިހާރު ވެސް އުފައްދާ ރަށްރަށަށް ބޮޑަށް ބަލައިގެން ކަމަށެވެ.
ސަލްގާޑޯއާއެކު މި އެއްބަސްވުން ހެދިފައިވަނީ 6 އަހަރު ދުވަހުގެ މުއްދަތަކަށެވެ.








