
ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް އިފްތިތާޙުކުރުން - ފޮޓޯ: ކުޅިވަރު ވުޒާރާ
ކުޅިވަރު އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ޒުވާނުން ބާރުވެރި ކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ދިރާސާ ރިޕޯޓް އިފްތިތާޙުކުރުމަށް އިއްޔެ ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ ޢަމަލުތަކާއި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ އިދާރާތަކާ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިގޮތުން ކުޅިވަރުގައި ނަޒާހަތްތެރިކަން ކުރިއެރުވުމުގެ ގޮތުން އެންޓި -ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން 2024ގައި "ޕަޗަސް" ކެމްޕެއިން ފަށާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުޅިވަރުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން، ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މާލީ މުޢާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ އުޞޫލުތަކަކާއި ގައިޑްލައިންތަކެއް ތަޢާރަފުކޮށް، އެކަންކަމަށް ޢަމަލުކުރަން މިހާރު ލާޒިމުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެސޯސިއޭޝަންތަކުގެ އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުން މިވަނީ ނިމުމަކަށް ގެނެވިފައިވާ ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް ހާއްސަކުރެވިފައިވާ އުސޫލުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.
ކުޅިވަރު ކުޅުންތެރިންނާއި އޮފިޝަލުންނަށް ސަރުކާރުން ދެމުން އަންނަ މުސަރާ މިވަނީ ބޮޑުކުރެވި، އެއް ހަމައެއްގައި ދެވެން ފަށާފައި. ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދާ ކާމިޔާބީތަކަށް ދެވޭ އިނާމް ފައިސާގެ އުސޫލުވެސް މިވަނީ ރިވައިޒްކުރެވި ހަރުދަނާކުރެވިފައި. އިދާރީ ހިންގުން ބޮއްސުންލާފައިވާ އެސޯސިއޭޝަންތަކުގެ މައްސަލަތައް ބަލައި ގިނަ ކަންކަންވަނީ ހައްލުކުރެވިފައި - މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި، ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާ އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި އިސްލާހުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް މުހިންމު ގިނަ ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޤައުމީ ޓީމްތަކުގެ އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދެއްވާ، ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް ކުޅޭ ތަންތަނުގައި ހުރުން ލާޒިމް މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލު ކުރަން ފަށާފައިވާ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ކުޅިވަރުގައި ދެ ޖިންސުގެ ހަމަހަމަކަން ޤާނޫނުން މިހާރު ގެނެވިފައިވާނެ ކަމަށާއި މަނާޑާގެ ޚިދުމަތް (world anti-doping)ގެ ކޯޑާ އެއްގޮތަށް މިއަހަރު އަމަލުކުރަން ފަށާފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފަާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކުޅިވަރު އިދާރާތައް ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް އަހުލުވެރިކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ގަވަރނަންސް ރަނގަޅުކުރުމަށާއި، ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން މިހާރު ފަށާފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި އެއްވެސް ފަސްޖެހުމެއް ނެތި، ދިވެހި ކުޅިވަރުގެ ޙައްޤުގައި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަން އަޅުގަނޑު ފާހަގަކޮށްލަން. އަޅުގަނޑުގެ އުންމީދަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ މައިދާނަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ، ސާފު، އަދި އިތުބާރު އޮތް ތަނަކަށް ހެދުން - މިނިސްޓަރ ވިދާޅުވިއެވެ
މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ސާފު، ދެފުށް ފެންނަ، އަދި އިތުބާރު ހިފޭ ކުޅިވަރުގެ ވެއްޓެއް ޒުވާނުންނަށް ހޯދައިދިނުން ކަމަށެވެ.
















