






.jpg?w=3840&q=75)

IMG_5764
ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) ޖަމިއްޔާއިން ފިޔޯރީ ސްކޫލުގެ ޓީޗަރުންގެ އަގު ވަޒަންކޮށްފި އެވެ.
މިއަދު ފާހަގަކުރަމުންދާ ބައިނަލަގްވާމީ ޓީޗަރުންގެ ދުވަހާއި ދިމާކޮށް ފޭސް ޖަމިއްޔާއިން ވަނީ ފިޔޯރީގެ ސްކޫލުގެ ޓީޗަރުންނަށް ހަދިޔާ ޕެކް ދީފައި އެވެ. އެގޮތުން އެސްކޫލުގައި ކިޔަވައިދެމުން އަންނަ ހުރިހާ ޓީޗަރުންނަށް ފޭސް ޖަމިއްޔާއިން ވަނީ ހަދިޔާ ޕެކް ހަދިޔާކޮށްފައި އެވެ.
މި ޕެކްތަށް ޓީޗަރުންނަށް ހަދިޔާކޮށްފައިވަނީ މިއަދު ހެނދުނު ފިޔޯރީ ސްކޫލުގެ ޕީޓީއޭއިން އިސްނަގައިގެން އެސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިންނެވެ. ފޭސް ޖަމިއްޔާގެ ފަރާތުން ޓީޗަރުންނަށް ހަދިޔާ ޕެކްތަށް ހަދިޔާކޮށްދެއްވީ އެ ޖަމިއްޔާގެ މެމްބަރެއް ކަމުގައިވާ ނާޒިރީނާ އަހުމަދު އެވެ.
ފޭސް ޖަމިއްޔާއިން " ގާފު " ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ ޓީޗަރުން ކުރަމުން އަންނަ ބުރަ އަދި ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ދިން ހާއްސަ ހަދިޔާ ޕެކެއް ކަމަށެވެ. އަދި މިކަމަކީ ފެށުމެއް ކަމަށާއި މުސްތަގްބަލުގައިވެސް މިފަދަ އެކި ހަރަކާތްތަކެއް އެޖަމިއްޔާއިން ކުރުމަށް ގަސްތުކޮށްފައިވާ ކަމަށްވެސް ފޭސް ޖަމިއްޔާއިން މައުލޫމާތުދެއެވެ.
ފޭސް ޖަމިއްޔާއަކީ 2015 ވަނަ އަހަރުން ފެށިގެން އިޖުތިމާއި ގޮތުން ފިޔޯރީގައި ކޮންމެ އަހަރަކުވެސް ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ޖަމްއިއްޔާއެކެވެ. އެގޮތުން ބީ.އެޗް.އެމް.ގެ އެހީގައި ފިޔޯރީ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ މިސްކިތް ބެލެހެއްޓުމާއި، ތަދްރީސުލް ޤުރްއާން ގެ ނަމުގައި ޤުރްއާން ކްލާހެއް ހިންގުމާއި، ފޭސް އެކަޑަމީގެ ނަމުގައި ފުޓްބޯޅަ އެކަޑަމީއެއް ހިންގުމާއި، 2016 ވަނަ އަހަރުން ފެށިގެން އަލިގަދަ ތަރި ނަމުގައި ޤުރްއާން މުބާރާތެއް ބޭއްވުމާއި، އިޖުތިމާއީ ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ފިޠުރު ޢީދުގައި އީދު ސައި ނަމުގައި ރަށުގެ ރައްޔިތުންނަށް ސައެއް ބޭއްވުން ހިމެނެއެވެ. މީގެ އިތުރުންވެސް އިޖުތިމާއީ ގޮތުން ފިޔޯރީގައި ގިނަ ޙަރަކާތްތަަކެއް ބާއްވަމުން އަންނަ މި ޖަމްއިއްޔާއަކީ ފިޔޯރީގައި ހިންގާ އެންމެ ހަރަކާތްތެރި ޖަމްއިއްޔާއެވެ.








