



.jpg?w=3840&q=75)



8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފި- ފޮޓޯ: ޕީއެސްއެމް
8 ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށައިފި އެވެ.
މިއީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަގާފަތެއް ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް އެވެ.
މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރުފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް މާދަމާގެ ނިޔަލަށް ޝަހީދު އަލީ ސްކޫލުގައި ކުރިއަށްދާއިރު، މިއީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ކުރިއަށްގެންދާ ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގެ އިތުރުން ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ހިޔާލު ބަދަލުކޮށް މައުލޫމާތު ހިއްސާކުރުމެވެ.
މި އަހަރުގެ ކޮންފަރެންސްގައި 300 ފަރާތަކުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާއިރު، އޭގެތެރެއިން 106 ފަރާތަކުން 70 ޕްރެޒެންޓޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި ކޮންފަރެންސްގެ ބައިވެރިންނަށް ހާއްސަކޮށް ޖުމްލަ 4 ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުޢްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަން އާއި ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ކޮންފަރެންސްގެ ދެވަނަ ދުވަހު، ބައިވެރިވި ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވޭނެ މާހައުލެއް ޤާއިމުކޮށް، ރޭގަނޑުގެ ކެއުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެއިތުރުން ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިންގް ޑިރެކްޓަރު އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. މަހުމޫދު ޝައުޤީގެ ފަރާތުން ކީ ނޯޓު ސްޕީޗެއްވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު "ޝޭޕިންގް އަ ރެސްޕޮންސިބަލް ޑިޖިޓަލް ފިއުޗާ ފޯ އެޑިޔުކޭޝަން" އަދި ދެވަނަ ދުވަހު "ބިޔޯންޑް އެކަޑެމިކް: ރީއިމޭޖިނިންގް އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވާސް ޕެތްވޭސް" ގެ މައުލޫއަށް ބިނާކޮށް ޕެނަލް ޑިސްކަޝަނެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މި އަހަރުގެ ކޮންފަރެންސަށް ހާއްސަކޮށްފައިވާ ޝިޔާރަކީ "ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގް އިނޮވޭޝަން ފޯ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗާ" އެވެ. އަދި މި ކޮންފަރެންސްގައި ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑީޔާގެ ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތްކުރައްވާ ފަރާތްތަކުން ބައިވެރިވާއިރު، އެ ބައިވެރިން ތައުލީމީ ދާއިރާގެ ކުރިއެރުވުމަށާއި ހަރުދަނާ ތައުލީމީ ނިޒާމެއް ބިނާކުރުމަށް މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެ އެވެ.




.jpg?w=3840&q=75)