
Gaafu Mandhoobun
ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީ ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ހުވަދު އަތޮޅުގެ އެކި ދާއިރާތަކުގެ ކެނޑިޑޭޓުންނަށް "ގާފު އޮންލައިން" ގައި އިސްތިހާރު ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ގާފު މީޑިއާ ގްރޫޕުން ނިންމައިފި އެވެ.
ގާފު މީޑިއާ ގްރޫޕުގެ ޗީފް އޮޕަރޭޓިންގ އޮފިސަރު އަހުމަދު ޝުރާއު ވިދާޅުވީ ކުރިއަށް އޮތް އެމްޑީޕީގެ ޤައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ހުވަދު އަތޮޅުގެ އެކި ދާއިރާތަކުގެ ކެނޑިޑޭޓުންގެ އެދުމުގެ މަތީން އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގާފު އޮންލައިންގައި އިސްތިހާރުކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުވަދު އަތޮޅުގެ އެކި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް އެކެންޑިޑޭޓުންގެ ޕްރޮފައިލާއި އެބޭފުޅުންގެ ކެމްޕޭން ހަރަކާތްތަކާއި އެބޭފުޅުންގެ ސިޔާސަތުތައް "ގާފު މަންދޫބުން" ގެ ޚާއްސަ އެޑިޝަނެއްގެ ތެރެއިން ގެނެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށްވެސް ޝުރާއު ވިދާޅުވިއެވެ.
" އެމްޑީޕީ ޤައުމީ މަޖިލިސް އިންތިހާބާއި ދިމާކޮށް ގިނަ ކެންޑިޑޭޓުންތަކެއް އަންނަނީ އިސްތިހާރުކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން. އެހެން ކަމުން މި ފުރުސަތު އެ ކެންޑިޑޭޓުންނަށް ދިނުމުގެ ގޮތުން މިއަދު މި ތައާރަފްކުރަނީ ގާފު މަންދޫބުންގެ އެމްޑީޕީ ޤައުމީ މަޖިލިސް އެޑިޝަން. މި އެޑިޝަންއާއި އެކު އިސްތިހާރުކުރުމުގެ ގިނަ ފުރުސަތު ތަކެއް ކެންޑިޑޭޓުންނަށް ފަހިވެގެންދާނެ. މިކަން ކުރިޔަށް ދާނީ ވިހާވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން. އިސްތިހާރުކުރުމުގައި ގާފުން ބަލާނެ ކެންޑިޑޭޓުން ބޭނުންވާ އެންމެ ރަނގަޅު ކޮލެޓީއެއްގައި އެކަން ކުރަން. އެ ޔަޤީންކަން ދެން. " ޝުރާއު ވިދާޅުވިއެވެ.
ޝުރާއު އިތުރަށް ވިދާޅުވީ ގާފު އޮންލައިންގެ އެޑް ސްލޮޓްތަކުގެ ތެރެއިން ޕްރައިމް ތިން ސްލޮޓެއް ވެސް މިފަހަރުގެ ގާފު މަންދޫބުން އެމްޑީޕީ ޤައުމީ މަޖިލިސް އެޑިޝަންގެ ޕެކޭޖް ތަކުގެ ތެރެއިން ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އެމްޑީޕީ ގައުމީ މަޖިލީހަށް ހުވަދު އަތޮޅުން ކުރިމަތިލާ ފަރާތްތަކުން "ގާފު އޮންލައިން" ގައި އިސްތިހާރު ކުރުމަށް ގާފު މީޑިއާ ގްރޫޕުގެ ހޮޓްލައިން 9448800 އަށް ނުވަތަ 9443300 ގުޅުއްވުމަށް ގާފު މީޑިއާ ގްރޫޕްއިން އެދެއެވެ.
ގާފު ނޫހުން ވަނީ ނިމުނު ކައުންސިލް އިންތިހާބުގައިވެސް ކާމިޔާބުކަމާއިއެކު ގާފު މަންދޫބުންގެ ޚާއްސަ އެޑިޝަނެއް ކުރިއަށް ގެންގޮސްފައި އެވެ. އެ އެޑިޝަންގެ ތެރެއިން އެފަހަރު ގާފުން ވަނީ ޚާއްސަ ޕޯލެއްވެސް ކުރިއަށް ގެންގޮސްފައި އެވެ.
ގާފު އޮންލައިން ނޫހަކީ މުޅި ރާއްޖޭގެ ޚަބަރުތައް، ވަކިން ޚާއްސަކޮށް ގާފު އަތޮޅުގެ ޚަބަރާއި މައުލޫމާތު ހަމަހަމަކަމާއެކު އެންމެ ގާތުން ގެނެސްދޭ، އެ އަތޮޅުގެ އެންމެ މަޤްބޫލު ނޫހެވެ.












