






.jpeg?w=3840&q=75)

304354_3_61f24a3f6a36cc862f0bd31bb335c105c1931c9a_large
ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަގާމަށް ހުސައިން ނިޔާޒީ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުުޅުންގެ ތެރެއިން މަޖިލީހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވީ ނިޔާޒީގެ ނަން އެކަންޏެވެ.
އޭނާ އަށް ރުހުން ދިނުމަށްޓަކައި ދިރާސާކޮށް އިންޓަވިއު ކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން އެކުލަވައިިލި ރިޕޯޓް މަޖިލީހަށް ހުށަހަޅައި އޭނާ އަށް ރުހުން ދޭން ފާސްކުރީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
ނިޔާޒީ އަކީ މީގެ ކުރިން އޮޑިޓަރ ޖެނެރަލްސް އޮފީހުގެ އޮޑިޓަރ ޖެނެރަލްގެ އެސިސްޓެންޓުގެ މަގާމުގައި ހުންނެވި ފަރާތެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަންގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާ ނިޔާޒީ އެސިސްޓެންޓް އޮޑިޓާ ޖެނެރަލެއްގެ މަގާމަށް އައްޔަންކުރީ 2011 ވަނަ އަހަރު އެވެ. ފައިނޭންޝަލް އޮޑިޓް ސާވިސަސް ޑިވިޝަނަކީ ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުން ފައިސާ ހަރަދުކުރާ ގޮތުގެ އޮޑިޓްތައް ކުރާ ޑިވިޝަނެވެ.
އޮޑިޓާ ޖެނެރަލްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ނެވެ. އިސްތިއުފާގެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ހިޔާނާތުގެ ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާ ދެއްވީ ލިސްޓްގައި ނަން އޮތުމުން އޮޑިޓް އޮފީހުގެ ކަރާމާތް ގެއްލޭ ކަމަށެވެ.




