








ބައެއް ރަށްރަށުގެ ކައުންސިލްތަކުން ހުސްވެފައިވާ ގޮނޑިތަކަށް (ކައުންސިލް ރައީސުންގެ ގޮނޑިތަކަށް)، އަަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 16:00 ގެ ނިޔަލަށެވެ.
މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލުން އޮންނާނީ ވ. ތިނަދޫ ކައުންސިލުގެ ރައީސް ހޮވުމަށާއި، ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށެވެ. މީގެއިތުރުން ވ. ތިނަދޫ އަދި އައްޑޫ ސިޓީ ހުޅުދޫ ކައުންސިލުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ހޮވުމަށްވެސް ވޯޓުލުން ކުރިއަށްދާނެއެވެ.
މި އިންތިޚާބުގައި އެކި މަޤާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ތަފްޞީލަކީ:
އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ގޮތުގައި މި އިންތިޚާބުތަކުގައި ޖުމްލަ 3،776 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. އަދި ވޯޓުލުމުގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އަތޮޅުތެރޭގައި 5 ވޯޓުފޮށި އަދި ގްރޭޓަރ މާލެ ސަރަޙައްދުގައި 5 ވޯޓުފޮށި ހިމެނޭހެން ޖުމްލަ 10 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. އިންތިޚާބުގެ އޮޕަރޭޝަންތަކުގައި 81 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، އިންތިޚާބު އޮބްޒާވްކުރުމަށާއި މޮނިޓަރކުރުމަށް އަދި ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިއަދު ކުރިއަށްދާ ބައި-އިލެކްޝަނާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް، "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް އަށް މައްސަލަ ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
އީސީން ހާމަކޮށްފައިވާ ގޮތުގައި، މި ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 30 ވާ ހޯމަ ދުވަހުއެވެ.




