
ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭ ކަމަށްބުނެ ފަތުރަކީ ހަގީގަތެއް ނެތް ދޮގު ޚަބަރެއް ކަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ނޮވެމްބަރ 25 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެެވެ.
މިނިސްޓަރ ވިދާޅުވީ ސޯޝަލް މީޑިއާ ބޭން ކުރަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ޚަބަރެއްކަމަަށާއި ސޯޝަލް މީޑިއާ ބޭނުންކުރުން އެއްކޮށް މަނާކުރަން ކެބިނެޓުގައި އެއްވެސް މަޝްވަރާއެއް ހިނގާފައި ނުވާ ކަމަށެވެ. އަދި އެއީ ކުރާނެ ކަމެއްވެސް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
ހޯމްލޭންޑް މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މަގުސަދަކީ ކުޑަކުދިންނަށް ރައްކާތެރިކަމާއެކު އޮންލައިން މާހައުލުގައި ހަރަކާތްތެރިވެވޭނެ ގޮތެއް ހޯދައިދިނުން ކަމަށާއި ވިސްނުމަކީ އީފާސްގެ ތެރެއިން ސޯޝަލް މީޑިއާ ބޭނުންކުރާ ކުޑަކުދިންގެ އުމުރު ދެނެގަތުން ކަމަށެވެ. އަދި އެހެން ގައުމުތަކެކޭ އެއްފަދައިން ރާއްޖޭގައި ވެސް ފޭސްބުކް، އެކްސް، ޓިކްޓޮކް އިންސްޓަގްރާމް ފަދަ މަންސަތައް ކުޑަކުދިން އުމުރު އޮޅުވާލައިގެން ބޭނުންކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
އެކަމަށް ޓެކްނޮލޮޖީގެ ގޮތުން ގެންނާނެ ސީދާ ހައްލެއް އަދި ފައިނަލް ނުވި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެނީ ގައުމީ ފެންވަރުގެ އޮތެންޓިކޭޝަން ނިޒާމެއް މެދުވެރިކޮށް އުމުރު ކަށަވަރުކުރުމަށް ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. އަދި ސޯޝަލް މީޑިއާގެ ވަކި އެޕުތަކެއް މަނާކުރުމަށް އެންމެ ރަނގަޅީ 16 އަހަރުން ދަށުގެ ކުދިންނަށް ކަމަށް މިހާތަނަށް ޓެކްނިކަލް ޓީމުތަކުން ލަފާ ދީފައިވާކަމަށާއި ގޮތެއް ނިންމާނީ ވަރަށް ފުޅާކޮށް މަޝްވަރާކުރުމަށް ފަހު ކަމަށް ވިދާޅުވިއެވެ.
ކުޑަކުދިންނަށް އިންޓަނެޓް މެދުވެރިކޮށް ކުރިމަތިވާ ގެއްލުންތައް ކަމުގައިވާ ގްރޫމިންއާއި، ސައިބާ ބުލީއާއި، އުމުރާ ނުގުޅޭ ކޮންޓެންޓަށް ހުށަހެޅުމާއި، ނުބައި މައުލޫމާތު ލިބުން ފަދަ ކަންކަމުން ކުދިން ސަލާމަތްކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް ދިރާސާކުރައްވަމުން ގެންދަވާ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ޖޫން މަހު އެއްވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއުލާންކުރައްވާފައިވާ ކަމަށެވެ.
















