







2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން ފާސްކޮށްފިއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ)ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ، 64.2 ބިލިޔަން ރުފިޔާއެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބޭއްވި ބަދަލުވުމުގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ފޮނުވި ގޮތަށް ކޮމިޓީއިން ބަޖެޓު ފާސްކުރުމަށް ހުށަހެޅުއްވީ، ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހްމަދު ޒަމީރު ތާއީދުކުރެްއވިއިރު، ބަޖެޓު ފާސްކުރީ، 10 މެމްބަރުންގެ ވޯޓުންނެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މައިގަނޑު 10 ދާއިރާއެއް ވަނީ ހިމަނާފައެވެ. މީގެތެރޭގައި ޞިއްޙީ ދާއިރާ، އިޤުތިޞާދާއި ސިނާއީ ދާއިރާ، ދަރަނީގެ ގޮތުގައި ޚަރަދުގެ ދާއިރާ، ދިފާޢީ އަދި އަދުލު އިންސާފުގެ ދާއިރާ، ތަޢުލީމީ ދާއިރާ، އާންމު ޚިދުމަތްތަކުގެ ދާއިރާ، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާ، ގެދޮރާއި ޖަމާއަތުގެ ފައިދާގެ ދާއިރާ އަދި އެހެނިހެން ދާއިރާ ހިމެނެއެވެ. މީގެ ތެރެއިން 10.6 ބިލިޔަން ރުފިޔާގެ ބަޖެޓަކާއެކު އެންމެ ބޮޑު އަދަދެއް ހިމަނާފައިވަނީ، ޞިއްޙީ ދާއިރާއަަށެވެ.



