
އިހަވަންދިއްޕޮޅު މަޝްރޫއާއެކު އައު ވަޒީފާގެ ފުރުޞަތުތައް ފަހިވުމުގެ އިތުރުން އިތުރު އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް މަގުފަހިވާނެކަމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިހަވަންދިއްޕޮޅުގައި ކުރިއަށްގެންދާ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އަދި އިންޓަގްރޭޓެޑް ޑިވެލޮޕްމެންޓް މަޝްރޫޢު ކުރިއަށް ގެންދިއުމަށް އެސްޓީއޯ އަދި ސާޙު ގްރޫޕާއެކު ވި އެއްބަސްވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވަނީ ޖޮއިންޓް ޕްރޮޖެކްޓު ޑިވެލޮޕްމެންޓް އެގްރީމަންޓާއެކު ކުރިއަށް މުހިންމު ފިޔަވަޅެއް އެޅިފައިވާ ކަމަށެވެ.
މީގެއިތުރުން ދެން ކުރިއަށްދާނީ ތަފުޞީލީ މަޝްވަރާތައް ކަމަށާއި އެންމެ ފަހުގެ އެއްބަސްވުންތައް ނިންމައި ދާދި އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ދެން އޮތް އެންމެ ބޮޑު އިސްކަމަކީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ތަންފީޛު ކުރުމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ކުރިއަށް ގެންދިއުން ކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މީގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ ކަނޑުގެ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ.
މިމަޝްރުޢޫގެ ދަށުން އިހަވަންދިޕޮޅުގައި ބައިނަލްއަޤުވާމީ ޓްރާންސްޝިޕްމެންޓް ބަނދަރެއް ތަރައްޤީ ކުރުމަށް ނިންމާފައިވާއިރު، މި ބަނދަރާއެކު ވެއަރ ހައުސިންގއާއި، މެރިޓައިމް ސަޕޯޓް ޚިދުމަތްތަކާއި އަދި ލޮޖިސްޓިކް އެހެން ޚިދުމަތްތައް ވެސް ޤާއިމްކުރާނެއެވެ. އެގޮތުން ޕޯޓު ޒޯނަކާއި، ލޮޖިސްޓިކްސް އަދި އިޤްތިޞާދީ މައި މަރުކަޒެއް މި ސަރަހައްދުގައި ޤާއިމް ކުރާނެއެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ތެރެއިން ބައިނަލްއަޤުވާމީ ފެންވަރުގެ ކޮމާޝަލް ބަނދަރަކާއި، މެރިޓައިމް އަދި ސިނާޢީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ފަތުރުވެރިކަމާއި އެހެނިހެން ޚިދުމަތްތައް އެކުލެވޭ ގޮތަށް ސަރަޙައްދު ތަރައްޤީކުރުންވެސް ހިމެނެއެވެ.











.jpeg?w=3840&q=75)
