







ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ވިޔާފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޝްވަރާތައް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެޤައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރެއްވުމަށް އިއުލާންކުރާއްވުމާއެކު، ދިވެހިރާއްޖެއާ ޕާކިސްތާނާ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ބޭއްވި ބައްދަލުވުމުގައި ރާއްޖެ ތަމްސީލް ކުރެއްވީ އިޤްތިޞާދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔާފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ. ޕާކިސްތާން ތަމްސީލް ކުރައްވާފައިވަނީ އެ ޤައުމުގެ ފެޑެރަލް މިނިސްޓަރ ފޮރ ކޮމާސް ޖަމް ކަމާލް ޚާންއާއި ފެޑެރަލް މިނިސްޓަރ ފޮރ މެރިޓައިމް އެފެއާޒް މުޙައްމަދު ޖުނައިދު އަންވަރު ޗައުދަރީ އަދި އެޤައުމުގެ އިސް އޮފިޝަލުންނެވެ.
މި ބައްދަލުވުމުގައި ވަޒީރު ސަޢީދުގެ އިތުރުން ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން އެސްޓީއޯ މެނޭޖިން ޑިރެކްޓަރ ޝިމާދް އިބްރާހީމް އަދި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީޤް އަދި ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ވަޒީރު ސަޢީދު ވިދާޅުވީ މި ބައްދަލުމުގައި، ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުން އިތުރަށް ވަރުގަދަކުރެވޭ ގޮތްތަކާއި މެދު މަޝްވަރާކުރެވުނު ކަމަށެވެ. އަދި ދެޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހި ކުރުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މިދިޔަ މަހުގެ 20 އިން 22 އަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނާ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދު ވަނީ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމުގެ ދެމެދު ކުރެވޭ ވިޔަފާރީ ފުޅާކުރުމަށް މަޝްވަރާކޮށްފައެވެ. ދެޤައުމު ދެމެދު ކުރެވުނު ރަސްމީ މަޝްވަރާތަކަށް ފަހު ދެ ޤައުމުގެ ވެރިން ގުޅިގެން އިއްވި ބަޔާނުގައި ޕާކިސްތާނާއި ރާއްޖެއާއި ދެމެދު ކުރެވޭ ވިޔަފާރި ކުރިއަށް އޮތް ދެ އަހަރު ތެރޭ 200 މިލިޔަން ޑޮލަރަށް އިތުރު ކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
މި ދެ ޤައުމުގެ ދެމެދު މިހާރު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އަގު ކުރެވެނީ 13.9 މިލިޔަން ޑޮލަރުގައެވެ. ދެ ޤައުމުގެ ވެރިން ވަނީ މި އަމާޒު ހާސިލްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ދެ ޤައުމުގެ ވިޔަފާރި ފުޅާކުރުމަށް މަސައްކަތް ކުރާއިރު ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބިޒްނަސް ފޯރަމެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ފޯރަމުގައި ރާއްޖޭގައި ހުރި އިންވެސްޓްމެންޓާއި ވިޔަފާރީގެ ފުރުސަތުތައް ހިއްސާކޮށްފައިވެއެވެ.







