







މަސްވެރިންނަށް 2.3 ބިލިޔަން ރުފިޔާ ދޫކޮށްފިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް 3 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއަކީ ވަރަށް އިސްކަމެއް ދޭ ދާއިރާއެއް ކަމަށާއި ރާއްޖޭގައި 2 ވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށެވެ.
މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެފައިކަން ފާހަގަކުރައްވާ ރައީސް ވަނީ މަސްވެރިކަން އިޔާދަކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ރަނގަޅުކުރުމަށް ނުދައްކާ ހުރި 250 މިލިޔަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ 2.3 ބިލިޔަން ރުފިޔާގެ ތެރެއިން 1.3 ބިލިޔަން ރުފިޔާއަކީ، އެމަނިކުފާނުގެ ވައުދާ އެއްގޮތަށް 48 ގަޑިއިރު ތެރޭގައި ދީފައިވާ ފައިސާކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ކޯލް ސްޓޯރޭޖުތައް ހެދުމާއި، އައިސްޕްލާންޓުތައް އެޅުން އަދި ފެކްޓުރީތައް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ. މި މަޝްރޫއުތަކަކީ މި ދައުރުގެ ތެރޭގައި ނިމި ހުޅުވޭނެ ތަންތަނަށްވާއިރު، އޭގެ ނަތީޖާއަކަށް ވާނީ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ލިބުންކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، ދޯނީގައި ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް 37 މިލިޔަން ރުފިޔާ ފަހިކޮށްދެއްވާފައެވެ. އަދި މިހާތަނަށް 40 ދޯނީގައި އެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ރައީސް ވިދާޅުވީ، މި ކަންކަމަކީ އޭގެފައިދާ ވަމުންދާ ކަންކަން ކަމަށެވެ.



