
ޚާރިޖީ ވުޒާރާއިން ޚާއްޞަ "އޯޕަން ޑޭ" އެއް ބާއްވަން ނިންމައިފިއެވެ.
މިއީ ޚާރިޖީ ވުޒާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އާންމުންނަށް ދިނުމަށާއި، ވުޒާރާގެ މުވައްޒަފުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ.
ހާރިޖީ ވުޒާރާ އިން ބުނީ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އިން 6:00 އަށް، ޚާރިޖީ ވުޒާރާގައި ކަމަށެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ "ޑިޕްލޮމަސީ ވީކް 2026" އާ ގުޅުވައިގެން، "ޚާރިޖިއްޔާ ދިވެހިންނާ ގާތަށް!" މި ޝިޢާރުގެ ދަށުންނެވެ.
މި އޯޕަން ޑޭއަކީ ޚާރިޖީ ދާއިރާގެ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން، ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ރައްޔިތުންގެ ބޭނުންތަކަށް އަވަސް އިޖާބައެއް ދިނުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދިނުމަކީ ވެސް މި ހަރަކާތް ބޭއްވުމުގެ މަގުސަދެއް ކަަމަށް ހާރިޖީ ވުޒާރާ އިން ވަނީ ބުނެފައެވެ.
މި ހަރަކާތުގައި އެކި ދާއިރާތަކުން މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ކައުންޓަރުތަކެއް ބަހައްޓަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ވިސާއާ ގުޅޭ މަޢުލޫމާތާއި، ކޮންސިއުލަރ ޚިދުމަތްތަކުގެ އިތުރުން ލިޔެކިޔުންތައް އެޓެސްޓްކުރުމާ ބެހޭ މަޢުލޫމާތާއި ވިސާއަށް އެދި ހުށަހަޅާނެ ގޮތާއި، ބޭނުންވާ ލިޔެކިޔުންތަކާއި ޝަރުޠުތަކާ ބެހޭ އިރުޝާދު ދިނުން ހިމެނެއެވެ. އަދި އެ ވުޒާރާއިން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކާއި، ފަންނީ ގޮތުން ކުރިއަށްދިއުމުގެ މަގުތަކާ ގުޅޭ މަޢުލޫމާތާއި އެވުޒާރާގެ މުވައްޒަފުންނާ ސީދާ ވާހަކަދައްކައިގެން ޚިދުމަތްތަކާ ގުޅޭ އިރުޝާދާއި މަޢުލޫމާތު ސާފުކުރުން ހިމެނެއެވެ.
މީގެއިތުރުން އެ ވުޒާރާގެ މަސައްކަތްތަކާއި ޚިދުމަތްތަކާ މެދު އާންމުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ ޝައުޤުވެރި ހަރަކާތްތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އެހީތެރިކަމާ ގުޅޭ މަޢުލޫމާތު ވެސް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.
މި ހަރަކާތަކީ އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމަށާއި، ކޮންސިއުލަރ ޚިދުމަތްތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ އިތުރުން، ޚާރިޖީ ސިޔާސަތާއި ޑިޕްލޮމަސީގެ ދާއިރާ ރައްޔިތުންނާ ގާތަށް ގެނެސްދިނުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއްކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.
އެހެންކަމުން މި ހަރަކާތުގައި ބައިވެރިވުމަށް 19 ނޮވެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 އިން 6:00 އަށް ޚާރިޖީ ވުޒާރާއަށް ޒިޔާރަތްކުރުމަށް އެންމެހައި ރައްޔިތުންނަށް އެ ވުޒާރާއިން ވަނީ ދައުވަތު އަރުވާފައެވެ.

.jpeg?w=3840&q=75)



.jpeg?w=3840&q=75)





-1790261966339.jpeg?w=3840&q=75)
