
.jpeg?w=3840&q=75)



.jpeg?w=3840&q=75)
އެމްޑީޕީ އިން ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ނަމުގައި ހިންގީ ވައްކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ތުހުމަތުކުރައްވައިފިއެވެ.
އޭނާ މި ތުހުމަތު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިމިގްރޭޝަން ބިލަށް ބަހުސްކުރައްވަމުންނެވެ.
ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައި ކަމަށާއި އޭރު ރާއްޖޭގައި ތިބި ބިދޭސީންގެ ސީދާ އަދަދެއް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކަށް އެނގެން ނެތް ކަމަށެވެ.
މީގެއިތުރުން އެމްޑީޕީގެ ވެރިކަމުގައި މި މައްސަލަ ހައްލުކުރަން ގެންގުޅުނު ސިޔާސަތުތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝުޖާއު ވިދާޅުވީ، އޭރު ފެނިގެންދިޔައީ ބިދޭސީން ގަވާއިދާ ޚިލާފަށް އުޅޭ ކަމަށް ބުނެ އެއްތަނަކަށް އެއްކުރުމަށްފަހު، އެ މީހުންނަށް ދޫދީ ލުއިތަކެއް ދިން މަންޒަރު ކަމަށެވެ.
ޝުޖާއު ވަނީ އެކަން އެގޮތަށް ކޮށްފައިވަނީ ވަކި ރޭވުމެއްގެ ދަށުން ހިންގި ނޭދެވޭ އަމަލުތަކެއްގެ ތެރެއިން ކަމަށާއި މިފަދަ ގައުމީ ބޮޑު މައްސަލައަކަށް ބޭނުންވަނީ ވަގުތީ ފަރުވާއެއް ނޫން ކަމަށާއި، ދާއިމީ ހައްލެއް ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާއެކު، ބިދޭސީންގެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޝުޖާއު ދެއްވިއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ އޮޕަރޭޝަނުގެ ދަށުން، މިހާރު ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ބަޔޮމެޓްރިކް ޑޭޓާ ނަގައި ނިމިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ރޭ ހާމަކުރައްވާފައެވެ.ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން މިހާރު ބަޔޮމެޓްރިކްސް ނުނެގި ބާކީ ތިބީ އެންމެ އިންސައްތައެއްގެ މީހުން ކަމަށާއި، އެންމެންގެ ދިހަ އިނގިލީގެ ނިޝާން ނަގައި ދަފްތަރު ކުރުމަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އެއް އިންސައްތަ ގައުމަށް ހާސިލްކުރެވިފައިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

.jpeg?w=3840&q=75)


.jpeg?w=3840&q=75)


