



މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާޢަތް ކޮޅަށްޖަހައި އާންމު ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާއިރު، ކުރިއަށް އޮތީވެސް އެފަދަ ދުވަސްތަކެއް ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވައިފިއެވެ.
އުންމީދީ ރޫޙެއްގައި އެމަނިކުފާނު މި ޔަޤީންކަންދެއްވައި ވާހަކަފުޅުދައްކަވާފައި ވަނީ، ސަރުކާރަށް 3 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް އަދުގެ ސަރުކާރުން މިހާތަނަށް ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަކީވެސް އެމަނިކުފާނުގެ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާ ދާއިރާއެއް ކަމުގައެވެ. މީގެ 3 އަހަރު ކުރިއަށް ބަލާއިރު، މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ހީނަރުވެ، އަނދަވަޅެއްގެ ތެރޭގައި ނަމަވެސް މިއަދު އެ ރާސްތާ ބަދަލުކުރެވިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި އޮތީ މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ލަސްވެފައި އޮތުން ކަމުގައިވީނަމަވެސް، މިއަދާ ހަމަޔަށް 2.3 ބިލިއަން ރުފިޔާ މަސްވެރިންނަށް ދެވިއްޖެކަމަށާ، މީގެތެރެއިން 1.3 ބިލިއަން ރުފިޔާއަކީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދީ ޚަލާސްކުރެވިފައިވާ ފައިސާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިމޭރުމުން، މަސްވެރިންނަށް އަދުގެ ސަރުކާރުން ފަހިކޮށްދެއްވާ މާލީ ފުރުޞަތުތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. މިރޮނގުން އިތުރު ވަޢުދުފުޅުތައް ފުއްދެވުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާ، މިއީ މި ދައުރުގެ ތެރޭގައި ނިމި، މަސްވެރިކަމުގެ ސިނާޢަތަށް އިންޤިލާބީ ކުރިއެރުންތަކެއް ގެނެސްދޭނެ ކަންތައްތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން، އޮޑިވެރިންނަށްވެސް ފައިދާތަކެއް ވަމުންދާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިފަދައިން ދައްކަވާ ވާހަކަފުޅުތަކަކީ ޙަޤީޤަތެއް ނެތި ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމަށާ، މިއީ ނަތީޖާ ލިބި، ޙަޤީޤަތުގައިވެސް ފައިދާ ވަމުންދާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާޢަތެކޭ އެއްފަދައން، ދަނޑުވެރިކަމުގެ ސިނާޢަތަކީވެސް އަދުގެ ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއް ދޭ ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކުރިން މާ ބޮޑު އަޅައިލުމެއް ދެވިފައި ނެތް ނަމަވެސް، ދަނޑުވެރިކަމުގެ ސިނާޢަތަކީ ކާބޯތަކެތީގެ ކަވަރުކަން ހޯދުމަށާއި، އިޤްތިޞާދު ފުޅާކުރުމަށްވެސް މުހިންމު ދާއިރާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، ޤާނޫނީ އަދި މާލީ ނިޒާމުގެ ތެރެއިން ކަންތައްތަކެއް ތަޢާރަފުކުރެވިފައިވާކަމަށާ، ކުރިއަށް އޮތް 2027 ވަނަ އަހަރަކީވެސް ދަނޑުވެރިކަމުގެ ސިނާޢަތުގެ ތެރެއިން މިފަދަ ގިނަ ކަންތައްތަކެއް ފަހިވެގެންދާނެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.



