






.jpeg?w=3840&q=75)

މޫޑީސްގެ ރޭޓިންގ އިން ހާމަވެގެން މިދިޔައީ ރައީސް މުއިއްޒުގެ މާލީ ސިޔާސަތުގެ ފުރިހަމަކަމާއި، އެމްޑީޕީން މިގައުމު ދަރުވާލަން ޖަހާފައިވާ މަޅިތަކުން މިގައުމު ސަލާމަތް ކުރުމަށް ރައީސް މުއިއްޒު އަޅުއްވާ ހަރުދަނާ ފިޔަވަޅުތައް ކާމިޔާބު ވަމުންދާކަން ކަމުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ މޫޑީޒްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް 'ސީއޭއޭ 2' އިން 'ސީއޭއޭ 1' އަށް މަތިކޮށް، އައުޓްލުކް 'ސްޓޭބަލް' އަށް ބަދަލުކުރުމާ ގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއުގެ ޕޯސްޓުގައި މޫޑީސްގެ ރޭޓިންގ އިން ހާމަވެގެން ދިޔައީ ރާއްޖޭގެ މާލީ ހާލަތާގުޅޭގޮތުން ކުރީގެ ރައީސުންނާއި ވާދަވެރި އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ސިޔާސަތާގުޅޭގޮތުން ދިވެހި ރައްޔިތުންނަށް ވިސްނައި ދޭން މަސައްކަތް ކުރަމުން ދިޔައީ ހަގީގަތާ ހިލާފު ދެކޮޅު ނުޖެހޭ ވާހަކަ ތަކެއްކަން ކަމަށެވެ. އަދި ހަދަމުން ދިޔައީ ދޮގު ކަމަށްވެސް ވަނީ ތުހުމަތުުރައްވާފައެވެ.
މޫޑީސް އަކީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިންގ އެޖެންސީއެވެ. އެ އެޖެންސީން ވަނީ ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފްކޮށް ރާއްޖޭގެ ރޭޓިން މަތިކޮށްފައެވެ.
މިނިސްޓްރީ ފިނޭންސް އިން ބުނީ މި ރޭޓިންގ މަތިކޮށްފައި ވަނީ ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހު ކަމަށެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުމާއި މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ވަނީ ދައްކާފައެވެ.
މީގެ އިތުރުން 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 އަށް އިތުރުކުރުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ތާށިކަން ކުޑަވެގެންދިޔަ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމާއެކު، މި ފިޔަވަޅުތަކުގެ ސަބަބުން ކްރެޑިޓް ރޭޓިންގ ރަނގަޅުވުމަށް މަގުފަހިވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.








