








ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ ބޮޑެތި އިނާޔަތްތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދެމުން އަންނަ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖު ކަނޑާލުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނުގައި ގިނަ އަދަދެއްގެ ބަޔަކު ސޮއިކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓު މެދުވެރިކޮށް އާންމު ފަރާތަކުން ހުށަހަޅާފައިވާ މި އީ-ޕެޓިޝަނުގައި މިހާތަނަށް 7،194 އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މި ޕެޓިޝަނުގެ މުއްދަތު ހަމަވުމަށް މިހާރު ބާކީ އޮތީ އެންމެ ދެ ދުވަހެވެ.
މި ޕެޓިޝަން މަޖިލީހަށް ހުށަހެޅި މައިގަނޑު ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްގެން މަޖިލިސް މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ޚާއްސަ ވީއައިޕީ އިންޝުއަރެންސް ސްކީމެއް ހަމަޖައްސައިދީފައި އޮންނައިރު، އާންމު ރައްޔިތުންނަށް އެފަދަ ފުރުސަތެއް ނެތުމެވެ. އަދި އާސަންދައިގެ ޚިދުމަތް އާންމުންނަށް ލިބުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ދަނޑިވަޅެއްގައި، މެންބަރުންނަށް މިފަދަ އަގުބޮޑު އިނާޔަތެއް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވަނީ، ޤާނޫނު ނަމްބަރު 5/2013 ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގައި މެންބަރުންގެ މާލީ އިނާޔަތްތަކުގެ ބާބު 7 ގެ (ހ) ގައި ލިޔެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކާއި އެ މެންބަރެއްގެ އަނބިމީހާ/ފިރިމީހާ އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިން ރާއްޖެއާއި ސާކް ގައުމުތަކާއި އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސް ސްކީމެއްގައި ބައިވެރި ކޮށްދޭން ވާނެ ކަމަށެވެ. އަދި ހަމަ މި ގާނޫނުގެ 8 ވަނަ ބައި ( ހިދުމަތުގެ އިނާޔަތް) ގެ (ޅ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަފަދަ ހެލްތް އިންޝުއަރެންސް ސްކީމެއްގެ ދަށުން ބޭސްފަރުވާ ކޮށްދޭން ވާނެ ކަމަށެވެ.
މަޖިލިސް މެންބަރުން އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވަވާ މި ގާނޫނު ތަކުގެ ނަތީޖާއެއްގެ ގޮތުން މަޖިލިސް މެންބަރުކަން އަދާ ކުރަމުންދާ މެންބަރުންނާއި އެ މެންބަރުންގެ އަނބި/ފިރިނާއި 18 އަހަރު ނުވާ ކުދިންގެ އިތުރަށް މެންބަރުކަން އަދާކޮށްފައިވާ ހުރިހާ ބަޔަކަށްވެސް އުމުރު ދުވަހަށް ރައްޔިތުންގެ ފައިސާއިން ރާއްޖެއާއި ސާކް ގައުމުތަައް އަދި އާސިއާންގެ ގައުމުތަކުން ސިއްހީ ފަރުވާ ލިބޭނެ ފަދަ މެޑިކަލް އިންޝުއަރެންސްއަކަށް ރައްޔިތުންގެ ފައިސާއިން ހަރަދު ކުރަން ޖެހޭ ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. އެއީ ޖުމްލަ 19 ގައުމެއް ކަމާއި އޭގެ ތެރޭގައި މެލޭޝިއާ ތައިލެންޑު އަދި ސިންގަޕޫރުވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.
ޕެޓިޝަންގައި ބުނެފައިވާ ގޮތުގައި، 2015-2025 އަށް މަޖިލިސް މެންބަރުންގެ ހެލްތު އިންޝުއަރެންސް ޕްރިމިއަމް އަށް 100000000 ހާ ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މެންބަރުކަން ކުރެއްވުމަށްފަހު ވަކިވެވަޑައި ގަންނަވާ ކޮންމެ މެންބަރަކަށް އުމުރު ދުވަހަށް މި އިންޝުއަރެންސް ދޭން ޖެހޭތީ މިއަދަދުތައް ދާނީ އަހަރަކަށް ވުރެ އަހަރެއް އެތައް ގުނައެއް އިތުރުވަމުން ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.
އާންމު ރައްޔިތުންނަށް ނުލިބޭ ސިއްހީ އިންޝުއަރެންސްއެއް އާންމު ރައްޔިތުންގެ ފައިސާއިން އެ އާންމުން ތަމްސީލް ކުރަން މަޖިލީހަށް ވަޑައިގަންނަވާ މެންބަރުންނަށް ދިނުމަކީ ތަސައްރަފު ފުދިފައިވާ އެއްވެސް ސިޔާސީ ނިޒާމެއް ދަންނަ ކަމެއް ނޫން ކަމަށާއި އަދި ދިވެހިރާއްޖެއަށް ވުރެ އެތައް ގުނައެއް މުއްސަނދި ގައުމުތަކުންވެސް ކުރާ ކަމެއް ނޫން ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
މީގެ އިތުރުން ބުނެފައިވާ ގޮތުގައި، ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގްތިސާދުގެ މައްޗަށް ބިނާކޮށް ހެދި ދިރާސާތަކުން ފެންނަ ގޮތުގައި ކުރީގެ މެންބަރުންނަށް އުމުރުދުވަހުގެ ހެލްތު އިންޝުއަރެންސް ދޭ އެއްވެސް ބޮޑު ގައުމެއް ދުނިޔޭގައި ނެތެވެ.
އަހަރަކު 5.48 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ (ދިވެހިރާއްޖެއަށްވުރެ 2093 ގުނަ ބޮޑު) އެމެރިކާގައި މަގާމުގައި ތިއްބަވާ ކޮންގްރެސް މެންބަރުން އަމިއްލަޔަށް ވަކި އަދަދެއް ހިއްސާ ކުރަންޖެހޭ ގޮތަަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް މަގާމުން ވަކިވުމާއެކު އެ އިނާޔަތް ވަގުތުން ކެނޑިގެންދެއެވެ. އަދި މެންބަރުންނަށް ސިއްހީ ހިދުމަތް ލިބެނީ އާންމު ރައްޔިތުންނާ އެއް އުސޫލަކުންނެވެ.
އަހަރަކު 1.86 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ (ދިވެހިރާއްޖެއަށްވުރެ 710 ގުނަ ބޮޑު) ޖަޕާނުގައި މަގާމުގައި ތިއްބަވާ މެންބަރުންނާއި ކުރީގެ މެންބަރުންވެސް ބޭނުންކުރަން ޖެހެނީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭ ގައުމީ ހެލްތު އިންޝުއަރެންސް ނިޒާމެވެ.
އަހަރަކު 553 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ (ދިވެހިރާއްޖެއަށްވުރެ 211 ގުނަ ބޮޑު) ޖަރުމަނުވިލާތުގައި މަގާމުގައި ތިއްބަވާ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ސަބްސިޑީއެއް ދެއެވެ. ނަމަވެސް ކުރީގެ މެންބަރުންނަށް މި ސަބްސިޑީ ލިބެނީ މަގާމުން ވަކިވާތާ އެންމެ ގިނަވެގެން 18 މަސްދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން އެބޭފުޅުންވެސް ބޭނުންކުރަން ޖެހެނީ އާންމު ރައްޔިތުން ފަދައިން ސްޓޭންޑަޑް ހެލްތު އިންޝުއަރެންސް ނިޒާމެވެ.
އަހަރަކު 1.29 ޓްރިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ (ދިވެހިރާއްޖެއަށްވުރެ 492 ގުނަ ބޮޑު) އިނގިރޭސިވިލާތުގައި މަގާމުގައި ތިއްބަވާ މެންބަރުންނާއި ކުރީގެ މެންބަރުންނަށްވެސް ސިއްހީ ހިދުމަތް ލިބެނީ އެގައުމުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހުޅުވާލެވިފައިވާ ނެޝަނަލް ހެލްތު ސާވިސް އެން.އެޗް.އެސް މެދުވެރިކޮށެވެ.
ފަރަންސޭސިވިލާތް ކެނެޑާ ދެކުނު ކޮރެއާ އިޓަލީ އިންޑިއާ އަދި ޗައިނާ ހިމެނޭގޮތަށް އަހަރަކު 11 ޓްރިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބޭ ގައުމުތަކުގައިވެސް މަޖިލިސް މެންބަރުންނަށް ހާއްސަ ދާއިމީ އިނާޔަތްތަކެއް ދިނުމުގެ ބަދަލުގައި ދެނީ ހުރިހާ ރައްޔިތުންނަށް އޮންނަ އާންމު ސިއްހީ ނިޒާމުން ލިބޭ ހިދުމަތްތަކެވެ.
ނަމަވެސް ދިވެހިރާއްޖެ އޮތީ މިއާ މުޅިން ތަފާތު ހާލަތެއްގައި ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. ދުނިޔޭގެ އެންމެ ބޮޑު ދިހަ އިގްތިސާދަށް ބަލާއިރުވެސް ކުރީގެ މަޖިލިސް މެންބަރުންނަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި އުމުރުދުވަހުގެ ޕްރިމިއަަމް ހެލްތު އިންޝުއަރެންސް މަޖުބޫރުކޮށްފައިވާ ހަމައެކަނި ގައުމަކީ ދިވެހިރާއްޖެއެވެ. އަދި ދިވެހިރާއްޖޭގައި މަޖިލިސް މެންބަރުންނާއި އެމެންބަރުންގެ އާއިލާތަަކަށް ދޭން މަޖިލީސް މެންބަރުން އަމިއްލަ ފުޅަށް ހެއްދެވި ޤާނޫނުތަކުން ދޭ މި އިންޝުއަރެންސް އަކީ އެ މެންބަރުން މަޖިލީހުގައި ތަމްސީލު ކުރާ އާންމުންނަށް ލިބޭ އިންޝުއަރެންސްއެއްވެސް ނޫނެވެ. އާންމު ދިވެހިން ގައުމީ ސިއްހީ އިންޝުއަރެންސް އާސަންދާ އަދި އެންސްޕާ އިން ހިދުމަތް ހޯދަން ޖެހޭއިރު މަޖިލިސް މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ހަރަދުކޮށް ދެނީ އާންމުނަށް ދެވޭ ސިއްހީ އިންޝުއަރެންސްގެ އެތައް ގުނަ ބޮޑު އިންޝުއަރެންސް އެކެވެ.
ދައުލަތަކުން ދޭ އަސާސީ ސިއްހީ އިންޝުއަރެންްސް އަކީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި އެއްވަރަކަށް އަދި އެއް އުސޫލަކުން ދޭންޖެހޭ އެއްޗެއް ކަމަށް ވެސް ޕެޓިޝަންގައި ބުނެފައިވެއެވެ. އޭގައި ބުނެފައިވާ ގޮތުގައި، ވަކި މަގާމެއްގައި ހުރުމަކީ ރައްޔިތުންގެ ޓެކްސް ފައިސާ އިން އިތުރު މޮޅު ބޮޑު ސިއްހީ އިންޝުއަރެންސް އަކަށް ހަރަދު ކުރެވެން ޖެހޭ ސަބަބެއް ނޫނެވެ. ހާއްސަކޮށް ރައްޔިތުން ތަމްސީލް ކުރަން މަޖިލީހުގައި ތިއްބަވާ މެންބަރުންނަށެވެ. ގައުމުގެ ސިއްހީ ނިޒާމު އާރާސްތުކޮށް ރަނގަޅު ކުރަން ހަދަންޖެހޭ ގާނޫނާއި ގަވަައިދު ހެދުމުގެ ޒިންމާއާއި ސަރުކާރާއި ސިއްހީ ވުޒާރާ ޖަވާބުދާރީ ކުރުވަން ތިބި ބަޔަކީ މަޖިލިސް މެންބަރުންނަށް ވާހިދު އެ މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް ޕްރިމިއަމް އިންޝުއަރެންސް ދިނުމުން އެ މެންބަރުން ތަމްސީލް ކުރާ ރައްޔިތުން ސިއްހީ ކަންކަމުގައި ތަހައްމަލް ކުރަން ޖެހޭ ތަކްލީފުތައް މެންބަރުންނާއި މެންބަރުންގެ އާއިލާތަކުން ތަޖުރިބާ ކުރައްވަން ޖެހިވެސް ވަޑައިނުގަންނަވާނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން މެންބަރުން މަސައްކަތް ކުރަންޖެހޭ ސަބަބެއްވެސް ނޯންނާނެއެވެ.
މި ސަބަބުތަކާހެދި ދުނީޔޭގެ އެހެން ގައުމުތަކުންވެސް މަޖިލިސް މެންބަރުންނަށް ޓެކްސް ފައިސާ އިން ހަރަދު ކުރަނީ ގައުމުގެ އެހެން އާންމުނަށްވެސް ހަރަދު ކުރާ އަސާސީ ސިއްހީ އިންޝުއަރެންސް ސްކީމު ދަށުން އެއް އުސޫލަކުން އެއް ހަމަޔަކުން އެއްވަރަކަށެވެ. މެންބަރުން ތަމްސީލް ކުރާ އާންމުންނަށް ލިބޭ އާސަންދައާއި އެންސްޕާ ހިދުމަތަކީ މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް އެކަށީގެން ނުވާވަރުގެ ދަށް ސިއްހީ އިންޝުއަރެންސް އަކަށް ވާނަމަ އޭގެ ހައްލަކީ މެންބަރުންނާއި މެންބަރުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ހަރަދުކޮށްގެން އިތުރު ބޮޑު އިންޝުއަރެންސެއް އުމުރު ދުވަހަށް ނަގާ ދިނުމެއް ނޫނެވެ. އޭގެ ހައްލަކީ ގައުމީ ސިއްހީ އިންޝިއަރެންސް ނިޒާމު ހަރުދަނާކޮށް ރަނގަޅު ކުރަން މެންބަރުން މަސައްކަތް ކުރެއްވުމެވެ.
ޕެޓިޝަން ނިންމާލަމުން ބުނެފައި ވަނީ "ދިވެހިރާއްޖޭގައިވެސް ކުރީގެ އަދި މިހާރުގެ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އާއިލާތަކަށް ޓެކްސް ފައިސާއިން ހަރަދުކޮށް ދޭ ޕްރިމިއަމް ސިއްހީ އިންޝުއަރެންސް އުވާލާ. އެކަން މަޖުބޫރު ކުރާ ގާނޫނުތައް އިސްލާހުކޮށް. ހުުރިހާ މަޖިލިސް މެންބަރުންނަކީވެސް އާންމު އެހެން ހުރިހާ ދިވެހިންނަށް ލިބޭ ގައުމީ ސިއްހީ އިންޝުއަރެންސް އާސަންދާ އަދި އެންސްޕާއިން ސިއްހީ އިންޝުއަރެންސް ލިބޭ ބަޔަކަށް ބަދަލުކޮށް މަޖިލިސް މެންބަރުންނަކީ އާންމު ދިވެހި ރައްޔިތަކަށް ނުލިބޭ އިތުރު ހާއްސަ އެއްވެސް ސިއްހީ އިނާޔަތެއް ނުވަތަ އިންޝުއަރެންސެއް ނުލިބޭނެ ބަޔަކަށް ހަދާ ޓެކްސް ފައިސާއިން ހަރަދުކޮށް ދޭ އަސާސީ ސިއްހީ އިންޝުއަރެންސްގައި މަޖިލިސް މެންބަރުންްނާއި އާންމު ރައްޔިތުންގެ ފަރަގު އަދި ތަފާތު ކުރުންތައް ނައްތާލާ ހަމަހަމަ ކުރުމަށް ގޮވަލާ މި ޕެޓިޝަން ހުށަހަޅަމެވެ." މިހެންނެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، ވަކި އަދަދަކަށް އާންމުންގެ ސޮއި ހަމަވާ ޕެޓިޝަންތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ފޮނުވައި، އެ ކަމުގައި ބަހުސްކޮށް ގޮތެއް ނިންމަން ޖެހެއެވެ. އެހެންކަމުން، މި ޕެޓިޝަނުގެ މުއްދަތު ހަމަވުމުން މަޖިލީހުން މި މައްސަލައާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.







