








ފާއިތުވެދިޔައީ މުދައްރިސުންނަށް އެއްވެސް ބިރުވެރިކަމެއް ނެތް 3 އަހަރު ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 11 ވަނަ ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ މިދިޔަ ތިން އަހަރުތެރޭގައި އެއްވެސް ޓީޗަރަކަށް ފިޔަވަޅު އަޅާފައި ނޯންނާނެ ކަމަށާއި އޭގެ ބަދަލުގައި ޓީޗަރުންނަށް އުފާވެރި އަގުވަޒަންކުރެވޭ މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެއްވެސް ޓީޗަރަކަށް މި ސަރުކާރުގައި ބިރުވެރިކަމެއް ނެތްކަމަށާއި ސަރުކާރު ބަދަލުވީއިރު 100 ވުރެ ގިނަ ޓީޗަރުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެގޮތުން އެތައް ޓީޗަރުންނަކަށް އިންޒާރު ދިނުމާއި ސަސްޕެންޑް ކުރުމުގެ ކަންކަންކުރީ ސަރުކާރުގައި ކޮށްފައިވާ ކަމަށާއި އެހެންކަމުން ސަރުކާރަށް ފާޑުކީ ނަަމަވެސް މިހާރު ޓީޗަރުންނަށް ފިޔަވަޅު ނާޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާއަކީ ތައުލީމީ ދާއިރާ ކަމަށާއި، މުދައްރިސުންނަށް އެންމެ ގިނަ ތަމްރީނު ޕްރޮގްރާމްތައް ހިންގުނީ ވެސް މި ސަރުކާރުގައި ކަމަށެވެ.
ރާއްޖޭގެ ޓީޗަރުންގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރަނީ އަންހެނުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ސްކޫލުތަކުގައި މުދައްރިސުން މަސައްކަތްކުރަންޖެހޭ ވަގުތު ކުޑަކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފިރިހެނުން ވެސް ވަޒީފާއަށް ދިޔަ ނަމަވެސް، ގޭތެރޭގެ ޒިންމާތަކާއި ދަރިން ބެލުމުގެ ކަންކަން ހިމެނޭހެން އަންހެނުން ފިރިހެނުންނަށްވުރެ ފަސް ގުނަ އިތުރަށް ޒިންމާ ނަގަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެހެންކަމުން މުދައްރިސުން ހުކުރު ދުވަހު މަސައްކަތަށް ނުކުންނަން ޖެހޭ މިންވަރު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.








