
ފޮޓޯ: ޕީއެސްއެމް
ޤައުމެއްގައި ތަރައްޤީއާއި ކުރިއެރުމުގެ ތެރެއިން ރައްޔިތުންނަށް އޭގެ ޙަޤީޤީ ފޮނި މީރުކަން ލިބެނީ ޤައުމެއްގެ އިންސާނީ ސިކުނޑިތައްވެސް އޭގެ އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމުގައި ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ ވަލީދު މިހެން ވިދާޅުވީ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ކ. ހުރާގައި ބޭއްވި މި ޖަލްސާގައި ވާހަކދައްކަވަމުން ވަޒީރު ވަނީ ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކޮށް ކާބަފައިންގެ ރިވެތި އާދަތައް އިއާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ފާހަގަކުރައްވާފައެވެ. އަދި މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޢަޒުމް ކަނޑައަޅައި ޢިބްރަތް ލިބިގަންނަންވީ މުހިއްމު ފިލާވަޅުތަކެއް އެބަހުރިކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ޤައުމުދެކެ ލޯބިވުމަށާއި ޤައުމު އިސްކުުރުމާއި ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެހާ ރިވެތި އަޚްލާޤީ ސިފަތައް ދެމެހެއްޓުމަށް އެދިވަޑައުގެންނެވިއެވެ. އަދި ތާރީޚަށް އަލިއަޅުވާލައްވަމުން ވިދާޅުވީ ދޮން ބަންޑާރައިން ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވީ ލިބިދާނެ ވެރިކަމުގެ މޮޅަކަށް ނުވަތަ ހޯދިދާނެ ޝަރަފަކަށް ނޫންކަމަށެވެ.
ހީނާ ވިދާޅުވީ ދިވެހި ތަޚުތު އެމަނިކުފާނަށް ވެދުން ކުރެވުނު ހިނދު ކުރެއްވީ އިންކާރުކަމަށާއި އެހެންނަމަވެސް އަމާނަތްތެރިކަން އިސްކުރައްވާ ހޮޅީންގެ ބަންދުގައި ހުންނެވި ދިވެހި ރަސްގެފާނަށް ވަފާތެރިކަން އަދާކުރެއްވިކަން ފާހަގަކުރެއްވިއެވެ. އަދި އަމިއްލަފުޅަށް މިލްކު ކުރެވެން އޮތް ވެރިކަމަށް އެ ރަދުންގެ ބޭފުޅަކު ލައްވައިގެން އެރަސްކަން ހިންގައިދެއްވިކަމަށާއި އެހެންކަމުން ދޮން ބަންޑާރައިންނަކީ ބަޠަލެއްގެ އައުލާ މިސާލެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ބިނާވެފައި ވަނީ ޢުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށްކަން ފާހަގަކުރައްވާ، އިންސާނީ ބިނާކުރުމުގައި ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރެއްވުމަށްޓަކައި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު ފަށްޓަވާ އެމަސައްކަތް މިހާރު ކުރަމުންދާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު އަންނަ ހޮނިހިރު ދުވަހުގެރޭ އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެއްވިއެވެ.












