








މިއަހަރުގެ ހުރަވީ ދުވަސް ހުރާގައި ފާހަގަކުރުގެ ހަރަކާތްތައް ފަށައިފިއެވެ.
މިއަހަރުގެ ހުރަވީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ ކ. ހުރާގައި މިއަދު ހެނދުނުއެވެ.މި ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން ބޭއްވި ޖަލްސާ އޮތީ ހުރާ ރަންކަނޑޫ މާލަމުގައި މިއަދު ހެނދުނު ބޭއްވިއިރު، މިއީ ފަންނާ ސަޤާފަތާ ތަރިކައާބެހޭ ވުޒާރާ އާއި ހުރާ ކަސުންސިލް ގުޅިގެން ބޭއްވި ޖަލްސާއެކެވެ. މިޖަލްސާގައި ދުވަހާ ގުޅިގެން ބޭއްވި ކުރެހުމުގެ މުބާރާތުގެ ވަނަތައް ޙާސިލްކުރި ފަރާތްތަކަށް ތައްޓާއި، ފައިސާގެ ރަމްޒީ އިނާމް ޙަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ފަންނާއި ސަޤާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދެވެ.
މިމުބާރާތުގެ 1 ވަނަ މަލާކް އާދަމް ނަޒީލް ހޯދިއިރު، 2 ވަނަ ހޯދީ މަރިޔަމް އަޒްހާ ޝުޖާއުއެވެ. 3 ވަނަ ޙާސިލްކުރީ އައިމިނަތު ނަދުހާ ޝުޖާއުއެވެ.
މިޖަލްސާގައި ހުރާ ކައުންސިލްގެ ނައިބު ރައީސް ޔުޝްރިއްޔާ ރަޝީދު ވިދާޅުވީ ހުރަވީ ދުވަހަކީ އެ ރަށުގެ ފަސްގަނޑާ ގުޅިފައިވާ ދުވަހެއްކަމަށާއި އެހެންކަމުން އެރަށުގައި ހުރި ދޮންބަންޑާރައިންނާ ގުޅިފައިވާ އަދި އެހެނިހެން އާސާރުތައް ރައްކާތެތިކުރުމުގެ މުހިންމުކަމަށެވެ.
ޖަލްސާގެ ޝަރަފުވެރި މެހެމާން ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދަށް ހުރާ ކައުންސިލުން ވަނީ މިޖަލްސާގައި ޚާއްސަ ހަނދާނީ ފިލައެއް އަރުވާފައެވެ. ހުރަވީ ދުވަސް ފާހަގަކުރުމަށް ހުރާގައި ހިންގުމަށް ހަމަޖެހިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، ގަސް އިންދުމާއި، ސްކޫލްކުދިންނަށް ޚާއްސަކޮށްގެން ދުވަހުގެ މަޢުލޫމާތު ހިމެނޭ ޑޮކިއުމެންޓްރީ އެެއް ދެއްކުމުގެ އިތުރުން، އިސް ރަށްވެހިންނާއި ކުޑަކުދިންނަށް ޚާއްސަ ކުޑަކުދިންގެ ހަވީރެއް ހިމެނެއެވެ.
ހުރަވީ ދުވަސް ނިސްބަތްވަނީ އައްސުލްޠާން ޙަސަން ޢިއްޒުއްދީން ދޮންބަންޑާރައިންނަށެވެ. އެ ދުވަސް ފާހަގަކުރަނީ، މަލަބާރީންގެ އަތުން މި ރާއްޖެ މިނިވަންކުރެއްވި ދުވަހާއި ގުޅިގެންނެވެ. މި ދުވަސް ފާހަގަ ކުރަންފެށީ 1980 ގައެވެ.




