








-
ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރައްވައި، އިނގިރޭސިންގެ އިސްތިޢުމާރީ ބާރުތަކުގެ ދަށުން ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވި ޤައުމީ ޒަޢީމަކީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެ ޒަމާނީ ދުނިޔެއާ ގުޅުވާލަދިން އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ބިންގާ އަޅުއްވައިދެއްވި، އަދި ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވި ހަރުދަނާ ވެރިއެކެވެ.
ވެލާނާގޭ އިބްރާހިމް ނާޞިރު ޤައުމީ ސިޔާސީ މައިދާނަށް އެންމެ ފުރަތަމަ ނުކުމެވަޑައިގެންނެވީ 1950 ގެ އަހަރުތަކުގެ ތެރޭގައެވެ. ރަސްކަމުގެ ދައުރުގައި، ސުމުއްވުލްއަމީރު މުޙައްމަދު ފަރީދު ދީދީގެ ތަޚުތުގައި ހުންނަވަނިކޮށް، 12 ޑިސެމްބަރު 1957 ގައި އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއެވެ .
ބޮޑުވަޒީރުކަމުގައި ހުންނަވައި ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވުމަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރަސްކަމުން ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށްޓަކައި 1968 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ.
މި ވޯޓުން ޖުމްހޫރީ ވެރިކަމަކަށް ރައްޔިތުން ތާއީދުކުރުމާ ގުޅިގެން ރަސްކަމުގެ ނިޒާމު އުވާލެވުނެވެ. އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ 11 ނޮވެމްބަރު 1968 ގައި އިޢުލާނުކުރެވުނެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުންނާއި ރައްޔިތުންގެ ފުރިހަމަ ރުހުމާއެކު، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވިއެވެ.
އިބްރާހީމް ނާޞިރުގެ ސިޔާސީ ޙަޔާތްޕުޅުގައި ހޯއްދެވި އެންމެ މަތިވެރި އަދި ތާރީޚީ ކާމިޔާބީއަކީ 26 ޖުލައި 1965 ގައި އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެ ސަލާމަތްކުރައްވައި، ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯއްދަވައިދެއްވުމެވެ.
އިނގިރޭސި ދައުލަތާއެކު އެތައް ދުވަހެއްގެ ވަރުގަދަ ޑިޕްލޮމެޓިކް މަޝްވަރާތަކާއި ސިޔާސީ ހިކުމަތްތެރިކަން އިސްކުރައްވައި، ލަންކާގެ ކޮޅުނބުގައި ހުންނަވާ މިނިވަންކަމުގެ އެއްބަސްވުމުގައި ދިވެހި ދައުލަތުގެ ފަ ރާތުން ސޮއިކުރެއްވީ އެމަނިކުފާނެވެ. މީގެއިތުރުން، އެ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެއަކީ އދ ގެ ފުރިހަމަ މެންބަރު ޤައުމަކަށް ހައްދަވައި، ބައިނަލްއަޤްވާމީ މައިދާނުގައި މިނިވަން ދަޢުލަތެއްގެ ގޮތުގައި ރާއްޖޭގެ ދިދަ ވިހުރުވާލަދެއްވިއެވެ.
ވަކީން ޚާއްސަގޮތެއްގައި ދިވެހިރާއްޖޭގެ އިޤްތިޞާދާއި ދަތުރުފަތުރުގެ ނިޒާމުގައި ޒަމާނީ ބިންގާ އެޅުނީ ރައީސް ނާޞިރުގެ ވެރިކަމުގައިކަމާއިމެދު އެއްވެސް ބަޔަކު ދެކޮޅު ނަހަދާނެއެވެ.. އެގޮތުން އެއްވެސް ޒަމާނީ ބޮޑު މެޝިނަރީއެއް ނެތި، ދިވެހި ރައްޔިތުންގެ ޤައުމީ މަސައްކަތުންނާއި އަތްގަދަ މަސައްކަތުން ހުޅުލޭގައި ޖެޓް މަތިންދާބޯޓު ޖައްސާނެ ރަންވޭއެއް ހައްދަވައި، ރާއްޖެއަށް ވައިގެ ދޮރޯށި ހުޅުވާލެއްވީ ނާޞިރުއެވެ. އަދި ހަމައެއާއިއެކު ބޭރުގެ މާހިރުން ރާއްޖޭގައި ފަތުރުވެރިކަން ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައިވަނިކޮށް، ކުރުނބާ ވިލެޖާއެކު ރާއްޖެއަށް ޓޫރިޒަމް ތަޢާރަފުކުރައްވައި މިއަދުގެ އިޤްތިޞާދުގެ މައިބަދަވެސް ބިނާކުރެއްވި ބާނީއަކަށް އޭރުގެ ރައީސް ނާޞިރު ވެވަޑައިގަންނަވާނެ އެވެ.
ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ހަމައެކަނި ރައީސް މުހައްމަދު އަމީންގެ މަސައްކަތްޕުޅުން ފެށިގެންދިޔަ ދެ ސްކޫލުކަމަށްވާ މަޖީދިއްޔާއާއި އަމީނިއްޔާ ސްކޫލުގައި އިނގިރޭސި މީޑިއަމަށް ކިޔަވައިދޭން ފައްޓަވައި، ރާއްޖޭގެ ޒުވާނުންނަށް ބޭރު ދުނިޔެއަށް ތަޢުލީމީ ގޮތުން ވާދަކުރެވޭނެ މަގު ތަނަވަސްކޮށްދެއްވީ ރައީސް ނާޞިރެވެ.
މީގެ އިތުރުން ރާއްޖޭގައި ރޭޑިއޯގެ ޚިދުމަތް (ދިވެހިރާއްޖޭގެ އަޑު) ހަރުދަނާކުރައްވައި، ޓީވީގެ ހިދުމަތް ރާއްޖެއަށް ތަޢާރަފުކޮށްދެއްވީވެސް އެމަނިކުފާނެވެ.
ރައީސް ނާޞިރުގެ ދައުރުގެ ތާރީޚީ ޞަފްޙާތަކަށް ބަލާއިރު، ދިވެހި ތާރީޚުގައި ހިނގައިދިޔަ އެންމެ ހިތްދަތި، ނުތަނަވަސް އަދި ބޮޑު ހާދިސާއަކީ ގދ. ތިނަދޫން މީހުން ބޭލުމާއި އެރަށް ސުންނާފަތިކޮށްލި ހާދިސާއެވެ.
1959 ވަނަ އަހަރު ރާއްޖޭގެ ދެކުނުގެ ތިން އަތޮޅު (ހުވަދުއަތޮޅު، ފުވައްމުލައް އަދި އައްޑޫ) މާލޭގެ މައި ސަރުކާރާ ދެކޮޅަށް ބަޣާވާތްކޮށް، އަބްދުﷲ އަފީފުގެ ވެރިކަމުގައި "ޔުނައިޓެޑް ސުވަދީވް ރިޕަބްލިކް" ގެ ނަމުގައި ވަކިވެގަތް ވެރިކަމެއް އިޢުލާނުކުރެއްވި ކަމުގެ ތުހުމަތާއިއެކު ރާއްޖޭގެ ރައީސް ނާޞިރުއާއި ސަރުކާރު އަވަސްވެގަތީ ސުވަދީވް ވެރިކަން ރޫޅާލާށެވެ. ދެކުނުން އައްޑު އަތޮޅު ގަމުގައި އިނގިރޭސިންގެ އަސްކަރީ މަރުކަޒެއް އޮތުމާއެކު، މި ހަމަނުޖެހުން ބޮޑުވެ، މާލޭ ސަރުކާރުގެ ޤާނޫނީ ވެރިކަމަށް ބޮޑު ގޮންޖެހުމަކަށް މިކަން ވެއްޖެ ކަމަށް އޭރު ރައީސް ނާޞިރު ނިންމަވައިފި އެވެ. ހުވަދު އަތޮޅުގައި ސުވަދީބު ސަރުކާރުގެ މައި މަރުކަޒަކަށް ހަދާފައި އޮތީ ތިނަދޫއެވެ.
އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާޞިރު އިސްވެ ހުންނަވައި، ސަރުކާރުގެ ސިފައިންނާއި ބަޑިބޯޓު ކަމަށްވާ "ސިލްވަރ ކްރެސްޓް" އަދި "މާލެ ރާޖޭ" ގައި ގދ. ތިނަދޫއަށް ވަޑައިގެންނެވިއެވެ. ދަޢުލަތުގެ ބާރު ނެގެހެއްޓުމުގެ ނަމުގައި ނާޞިރު އެޅުއްވި މި ފިޔަވަޅު ވެގެންދިޔައީ އާދަޔާޚިލާފު ހަރުކަށި އަދި ރަޙުމުކުޑަ ޢަމަލަކަށެވެ. އެގޮތުން ރަށުގެ ރައްޔިތުންނަށް ދިފާޢުވުމުގެ ފުރުޞަތެއް ނެތި، ރަށަށް ބަޑިޖަހައި މީހުން ޒަހަމްކޮށް އަދި އެއްބަޔަކު މަރާލައި ރަށުގެ އިސްވެރިންނާއި ޢާންމު ރައްޔިތުން ހައްޔަރުކުރެވުނެވެ. އަދި ތިނަދޫގެ ހުރިހާ ރައްޔިތުން ގޮނޑުދޮށަށް ޖަމާކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެންމެން ރަށުން ފައިބައިގެން ދިއުމަށް ނާޞިރު އާއި ނާޞިރުގެ ސިފައިން އަމުރުކުރެއްވިއެވެ. މާބަނޑު އަންހެނުންނާއި، ކުޑަކުދިންނާއި، މުސްކުޅިން ހިމެނޭހެން އެތައް ހާސް ރައްޔިތުންނެއް އެއްވެސް އޯގާތެރިކަމެއް ނެތި ފަޅު ރަށްރަށަށާއި ކައިރި އެހެން ރަށްރަށަށް އަރުވާލެވުނެވެ.
މި ހާދިސާގެ ތެރެއިން ތިނަދޫގެ ހުރިހާ ގެދޮރެއް ތަޅާލައި، ގޭގޭގެ ފުރާޅުތައް ނަގައި، ރުއްގަސް ކަނޑައި، މުޅި ރަށުގައި ހުޅުޖަހައި އެއްކޮށް އަނދާ އަޅިއަށް ހަދާލިއެވެ. ތާރީޚީ ލިޔެކިޔުންތަކާއި މިސްކިތްތަކަށް ގެއްލުންދެވުނެވެ.
އެހެން ރަށްރަށަށް ދަތުރުކުރުމުގައާއި، ބޯހިޔާވަހިކަމެއް ނެތުމާއި، ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމުގައި ތިނަދޫގެ އެތައް ސަތޭކަ ރައްޔިތުންނެއް މި ހިތާމަވެރި ހާދިސާގެ ސަބަބުން މި ދުނިޔެ ދޫކުރިއެވެ. އަދިއަދަށްވެސް މި ހާޑިސާގައި މަރުވި މީހުންގެ އަދަދު ސީދާ ކަށަވަރެއް ނުވެއެވެ. ބައެއް މީހުން ބުނަމުންދަނީ 2000 އަށްވުރެ ގިނަ މީހުން މަރުވި ކަމަށެވެ. އަނެއްބަޔަކު ބުނަމުންދަނީ 4000 އެއްހާ މީހުން މަރުވި ކަމަށެވެ.
ރައީސް ނާޞިރުއާއި ނާޞިރުގެ ސިފައިން މުޅި ރަށް ފަޅުކޮށްލުމަށްފަހު، ރަށުގެ ނަމަކީ "ހަވަރު ތިނަދޫ" ގެ ބަދަލުގައި "ފަޅު ތިނަދޫ" ކަމުގައި ހަމަޖެއްސިއެވެ. ތިނަދޫ އަލުން އާބާދުވާން ފެށީ އޭގެ ގާތްގަނޑަކަށް 4 އަހަރު ފަހުން، 1966 ވަނަ އަހަރުއެވެ.
މި ހާދިސާއަކީ ޤައުމީ އެއްބައިވަންތަކަން ހިފެހެއްޓުމުގެ ނަމުގައި ދިވެހި ސަރުކާރަކުން އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހިންގި އެންމެ ބޮޑު، އަނިޔާވެރި އެއް ހާދިސާގެ ގޮތުގައި ތާރީޚުގައި އަދިވެސް ފާހަގަކުރެވެމުންދާ ހިތި ހަނދާނެކެވެ. އަދި މިސަބަބަށްޓަކައި ރައީސް ނާޞިރު ވެގެން ގޮސްފައިވަނީ އަދިވެސް ތިނަދޫ ރައްޔިތުން އެހާމެ ނަފްރަތު ކުރާ ވެރިއަކަށެވެ.
ރައީސް އިބްރާހީމް ނާޞިރަކީ 21 އަހަރު ދުވަހު (11 އަހަރު ބޮޑުވަޒީރުކަން އަދި 10 އަހަރު ރައީސުލްޖުމްހޫރިއްޔާކަން) ރާއްޖޭގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ޤައުމު ހިންގެވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވެރިކަމަކީ ހަރުކަށި، އިދިކޮޅު ފަރާތްތަކަށް ޖާގަ ނުދެއްވި، އަދި ތިނަދޫ ފަޅުކުރުން ފަދަ އިންސާނީ ބޮޑެތި ޒަޚަމްތައް ޤައުމުގެ ތާރީޚުގައި ލިޔެވިގެންދިޔަ ވެރިކަމެއް ވެސް މެއެވެ.
1978 ވަނަ އަހަރު އަމިއްލަފުޅަށް ވެރިކަމުން ދުރަށް ވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވީ ސިންގަޕޫރުގައެވެ. ނާޞިރު އަވަހާރަވީ 22 ނޮވެމްބަރު 2008 ގައެވެ. އަވަހާރަވުމުން އެމަނިކުފާނުގެ ހަށިކޮޅު މާލެ ގެނެސް، ފުރިހަމަ ދަޢުލަތުގެ ޢިއްޒަތުގައި ފަސްދާނުލެވުނީ ހުކުރު މިސްކިތުގެ ޤަބުރުސްތާނުގައެވެ.








