
-
ދިވެހިރާއްޖޭގެ ދިގު ރަސްކަމުގެ ނިޒާމަށް ނިމުމެއް ގެނެސް، ދިވެހި ބިމުގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއްގެ ބިންގާ އަޅުއްވައިދެއްވި ޒަޢީމަކީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެމަނިކުފާނަކީ ދިވެހިރާއްޖެ ޒަމާނީ ދުނިޔެއަށް ހުޅުވާލައްވައި، ތަޢުލީމީ، އިޖުތިމާޢީ އަދި ސިޔާސީ ގޮތުން ދިވެހި ޤައުމަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދެއްވި ވިސްނުންތޫނު، އިލްމީ އަދި ހިތްވަރުގަދަ ލީޑަރެކެވެ.
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރާއި އޭގެ ފަހުން ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ނުފޫޒުގަދަ އަދި ޚިދުމަތްތެރި ޝަޚްޞިއްޔަތަކީ މުޙައްމަދު އަމީނެވެ. އެމަނިކުފާނު ވަނީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ދައުރުގައި ބޮޑުވަޒީރުގެ ނައިބުކަމާއި، ވަޒީރުއްދާޚިލިއްޔާ, މިހާރުގެ ނަމުން ނަމަ ހޯމް މިނިސްޓަރު ކަން ފަދަ މުހިންމު އެތައް މަޤާމެއް ފުރުއްވާފައެވެ.
1952 ވަނަ އަހަރު ރަސްކަމަށް އިސްކުރަން އުޅުނު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވުމާ ގުޅިގެން، ރަސްކަމުގެ ތަޚުތަށް އެންމެ ބޮޑަށް ހުށަހެޅިގެންދިޔައީ މުޙައްމަދު އަމީންގެ ނަންފުޅެވެ.
ނަމަވެސް އެމަނިކުފާނު ރަސްކަމުގެ ތަޚުތުގައި އިންނަވަން އިންކާރުކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވި މަޝްހޫރު ބަސްފުޅަކީ:
މި ނިންމެވުމާއެކު، ޤައުމުގެ ވެރިކަމުގެ ނިޒާމު ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށްޓަކައި 1952 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުނެވެ. މި ވޯޓުގައި ބައިވެރިވި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ޖުމްހޫރީ ވެރިކަމަކަށް ތާއީދުކުރިއެވެ.
އެއާއެކު، ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި 1 ޖެނުއަރީ 1953 ގައި މުޙައްމަދު އަމީން ހުވާކުރެއްވިއެވެ.
މުޙައްމަދު އަމީންގެ ޒަޢާމަތުގައި ހޯއްދެވި އެންމެ ފާހަގަކޮށްލެވޭ އަދި ތާރީޚުގައި އެމަނިކުފާނުގެ ނަން ރަންއަކުރުން ފެވިގެންދިޔަ ކާމިޔާބީއަކީ ޒަމާނީ ތަޢުލީމުގެ ބިންގާ އެޅުއްވުމާއި، އަންހެނުން މުޖުތަމަޢުގެ އިސް ސަފަށް ނެރުއްވައި ބާރުވެރިކުރެއްވުމެވެ. މިގޮތުން ބައެއް ކަންކަން ތިރީގައި އެވަނީއެވެ.
މަދަރުސަތުއް ސަނިއްޔާ (މިހާރުގެ ނަމުން ނަމަ މަޖީދިއްޔާ ސްކޫލް) ތަރައްޤީކުރެއްވުން: ރާއްޖޭގެ ޒަމާނީ ތަޢުލީމުގެ މައި މަރުކަޒަކީ މަޖީދިއްޔާ ކަމުގައި ހައްދަވައި، އިނގިރޭސި ތަޢުލީމު ތަޢާރަފުކުރެއްވި.
މަދަރުސަތުލް އަމީނިއްޔާ އުފެއްދެވުން: ދިވެހި އަންހެން ދަރިންނަށް ތަޢުލީމު އުނގަންނައިދިނުމަށްޓަކައި ޚާއްޞަ މަދަރުސާއެއް (މިހާރުގެ ނަމުން ނަމަ އަމީނިއްޔާ ސްކޫލް) އުފައްދަވައި، އަންހެނުންނަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެއްވި.
އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުން: ދިވެހި ތާރީޚުގައި ފުރަތަމަ ފަހަރަށް ޤާނޫނު ހަދާ މަޖިލީހަށާއި ސަރުކާރުގެ އިސް މަޤާމުތަކަށް އަންހެނުން އިންތިޚާބުވެ، ޢައްޔަންވުމުގެ ދޮރު ހުޅުވާލަދެއްވި.
ޤައުމު ޒަމާނީ ތަރައްޤީއަށް ގެންދިއުމަށްޓަކައި ކުރު މުއްދަތެއްގެ ތެރޭގައި އެމަނިކުފާނު ގިނަގުނަ މަޝްރޫޢުތަކެއް ހިންގެވިއެވެ. އެގޮތުން މާލޭގައި އެންމެ ފުރަތަމަ ފަހަރަށް ހަސްފަތާލެއް ޤާއިމުކުރައްވައި، ޒަމާނީ ޞިއްޙީ ޚިދުމަތް ދިނުމާއި، ވިހެއުމުގައި އެހީތެރިވާ ފޫޅުމައިން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް އެމަނިކުފާނުގެ ވެރިކަމުގައި ކުރިޔަށް ގެންދެވިއެވެ.
ތާރީހީ ފޮތްތަކަށް ބަލާއިރު އެމަނިކުފާނު މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރަށް ނެރުމުގެ ނިޒާމު ހަރުދަނާކުރައްވައި، ރާއްޖޭގެ ފުރަތަމަ ޤައުމީ ވިޔަފާރި ކުންފުނި ކަމަށްވާ ބޮޑު އިސްޓޯރު ( މިހާރުގެ ނަމުން ނަމަ އެސްޓީއޯ) އުފެއްދެވިއެވެ. އަދި ބޭރުގެ ވިޔަފާރިވެރިން ނުވަތަ އޭރުގެ ނަމުން ނަމަ ވޯރާ ވިޔަފާރިވެރިން ރާއްޖޭގެ އިޤްތިޞާދަށް ފޯރުވަމުންދިޔަ ބާރު ކުޑަކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވިއެވެ.
މީގެ އިތުރުން ދިވެހި ބަހާއި ތާރީޚު ކުރިއެރުވުމަށް އެތައް ފޮތެއް އަމިއްލަފުޅަށް ލިޔުއްވައި، ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ނޫސް މަޖައްލާތައް ކަމަށްވާ ސަރުކާރުގެ ހަބަރު ފަދަ ނޫސްތައް ޗާޕުކޮށް ޝާއިޢުކުރަން ފެއްޓެވީވެސް ރައީސް އަމީނުގެ ވެރިކަމުގައި އެވެ.
ރާއްޖޭގެ ތާރީހު ދިރާސާކުރާ ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ރައީސް އަމީންގެ ވެރިކަމަކީ ވަރަށް ދުރުވިސްނޭ، ޒަމާނީ އަދި އިޞްލާޙީ ވެރިކަމެކެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމުގައި ހަރުކަށި އުޞޫލުތަކެއް ގެންގުޅުއްވުމާއި ގުޅިގެން ދެވަނަ ބޮޑުހަނގުރާމައާ ގުޅިގެން މުޅި ދުނިޔެއަށް ކުރިމަތިވި ކާބޯތަކެތީގެ ތަދުމަޑުކަން (ބޮޑުތަދު) ރާއްޖެއަށް އިންތިހާއަށް ފޯރުމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދުނެވެ. އެމަނިކުފާނުގެ ވެރިކަމަށް ރައްޔިތުން ނަފްރަތުކުރަން ފެށި ކަމަށް ބުނެވެނީ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް އެމަނިކުފާނު ނިންމެވި ނިންމެވުމާއި އެކުގައި ކަމަށްވެއެވެ.
މީގެ އިތުރުން، ބަދަލުތައް މާ އަވަސްއަރުވާލައިގެން ގެންނަން އުޅުއްވުމުގެ ސަބަބުންނާއި ސިޔާސީ ވާދަވެރިންގެ ރޭވުންތަކުގެ ތެރެއިން، އެމަނިކުފާނު ޞިއްޙީ ފަރުވާއަކަށް ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް 21 އޮގަސްޓް 1953 ގައި ވެރިކަން ވައްޓާލެވުނެވެ.
މި ބަޣާވާތަށްފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ހިނގައިދިޔަ ހިތާމަވެރި ހާދިސާތަކަށްފަހު އަވަހާރަވީ 19 ޖެނުއަރީ 1954 ގައެވެ.
ފުރަތަމަ ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ 7 މަހާއި 21 ދުވަހު ނަމަވެސް، މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ދިވެހިރާއްޖެ ޒަމާނީ ތަހުޒީބަށް ލޯހުޅުވައިދެއްވި ވެރިއާއެވެ.. މިއަދު މިދެކޭ ތަޢުލީމީ އަދި އިޖުތިމާޢީ ކުރިއެރުމުގެ ފަހަތުގައިވާ ބިންގަލަކީ އެމަނިކުފާނުގެ ޚިދުމަތްތައްކަމަށް ގިނަ ބަޔަކު އަދިވެސް ގަބޫލުކުރެއެވެ.
















