








ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޚާރިޖިއްޔާއިން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން ކަމުގައި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން މިހެން ވިދާޅުވީ 'އަހާ ފޯރަމް' ގެ 11 ވަނަ ސިލްސިލާގައި ވާހަކަދައްކަވަމުންނެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ ދިވެހިރާއްޖެއާއި ބައިނަލްއަގުވާމީ ދުނިޔެއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ސަފާރާތަކާއި ޚާރިޖީ ވުޒާރާއިން 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ޔޫރަޕަކީ ގިނަ ދިވެހިންތަކެއް ދަތުރުކުރަން ބޭނުންވާ ސަރަހައްދަކަށްވާއިރު އެ ސަރަހައްދުގެ ޤައުމުތަކަށް ދަތުރުކުރަން ބޭނުންވާ ޝެންގެން ވިސާ ހޯދުމުގައި ދަތިތަކެއްހުރި ކަމަށާއި އެހެންކަމުން އެ ވިސާ ހޯދުމުގައި ދިވެހިންނަށް ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފުރަތަމަ ޝެންގެން ވިސާއަށް އެދެން ޖެހުނީ ސްރީލަންކާއަށް ގޮސް ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގައި ހުންނަ ވީއެފްއެސް ގްލޯބަލް މެދުވެރިކޮށް ވިސާއަށް އެދި ހުށަހެޅޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އިތުރު ލުއިތައް ހޯދުމަށް ޔޫރަޕުގެ ޤައުމުތަކާއި ޔޫރަޕިއަން ޔޫނިއަނާއެކުވެސް ގިނަ މަޝްވަރާތަކެއް ކުރެވެމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.ޚާރިޖީ ވަޒީރު ވިދާޅުވީ ޝެންގެން ވިސާ ސްކީމުގެ ތެރެެިން ވަކިވަކި ޤައުމުތަކާއެކު މަޝްވަރާކުރައްވަމުންދާ ކަމަށެވެ. އަދި ޝެންގެން ވިސާގެ އިތުރުންވެސް އެހެން ޤައުމުތަކުގެ ވިސާއާ ގުޅިގެން ރާއްޖެއަށް ލުއިގޮތްތައް ހޯދުމަށް މަޝްވަރާކުރައްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.




