




.jpg?w=3840&q=75)



ހުޅުމާލޭގައި އީގަލް ހިލްސް އިން ތަރައްގީކުރާ ހައުސިންގް ޔުނިޓް މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވަނީ އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިންގް ޔުނިޓަކީ ސަރުކާރުން ލާރި ދައްކަންޖެހޭ މަޝްރޫއުއެއް ކަމަށް ބަައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުގެ ހަގީގަތް ހާމަކުރައްވާފަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އީގަލް ހިލްސްއިން ހުޅުމާލޭގައި 5000 ހައުސިންގް ޔުނިޓް އެޅުމަށް ނިންމާފައިވަނީ ރަސްމާލެ މަޝްރޫއުގެ ފުރަތަމަ ސޭލްސް އިން ލިބޭ %10 ގެ ތެރެއިން ކަމަށެވެ. އެގޮތުން ސަރުކާރުން އެދޭ ކަމަކަށް އެ ކުންފުނިން އެ ފައިސާ ހަދަރުކުރަން ނިންމާފައިވާތީ، ރައީސް ބޭނުންފުޅުވީ ބޯހިޔާވަހިކަމުގެ ވައުދު ފުއްދެވުމަށް އެ ފައިސާ ހަރަދު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެންނެވިނަމަ އެބައި އެ 500 މިލިޔަން ޑޮލަރު ރިޒަވްގަވެސް ބަހައްޓަދޭނެ. އެކަމަކު އަޅުގަނޑު ޑިސައިޑް ކުރީ ރިޒާވްއަކު ނޫނޭ ބަހައްޓާނީ އެ ފައިސާ. އެ ފައިސާއިން ރައްޔިތުންނަށް އެންމެ މުހިންމު އަޅުގަނޑު ވައުދުވި ކަންތައް ބޯހިޔާވަހިކަން. ބޯހިޔާވަހިކަމަށޭ ހަރަދު ކުރާނީ އަނެއްކާވެސް." ރައީސް ވިދާޅުވި އެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ހާމަކޮށް ރައީސް ވިދާޅުވީ ހުޅުމާލޭގައި ހައުސިންގް ޔުނިޓް އަޅަން ހަވާލުކުރާނީ އެ ދޫކުރާ ބިމުގެ ފެނާއި ކަރަންޓާއި ނަރުދަމާގެ ހުރިހާ މަސައްކަތްތަކެއް ގާއިމްކުރ ގޮތަށް ކަމަށެވެ. އަދި މި ޔުނިޓުތަކަށް ސަރުކާރުން އަނބުރާ އެއްވެސް އެއްޗެއް ދޭން ނުޖެހޭނެ ކަމަށާއި ލޯނެއްވެސް ނަގަން ނުޖެހޭނެކަމަށް ރައީސް ވިދާޅުވި އެވެ.މިހާރު ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށްވުރެ މި މަޝްރޫއުގެ ފައިދާ ސަރުކާރަށް ބޮޑުކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި ހުޅުމާލޭގައި އަޅާ ހައުސިންގ ޔުނިޓުތަކުގެ ސްޓްރަކްޗަރ އަދި ފިނިޝިންގެ ބޮޑުބައެއް 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ނިމޭނެ ކަމާއި، އެތަންތަން ލިބޭ ރައްޔިތުންނާއެކު އެގްރީމަންޓް އެހާތަނަށް ހެދޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވަނީ އެމަނިކުފާނުގެ އެންމެ މުހިންމު އެއް ވައުދަކީ ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށްވާތީ އެކަމަށް އަލިއަޅުއްވާލާފަ އެވެ. އެހެންކަމުން ހުޅުމާލޭގައި ތަރައްގީކުރާ 5000 ޔުނިޓުގެ ބޮޑުބައެއް ޒުވާނުންނާއި ފަތުރުވެރިކަމާއި މަސްވެރިކަންފަދަ ދާއިރާތަކުގެ މަސައްކަތްތެރިންނަށް ހާއްސަކުރުމަށް ވިސްނުންފުޅު ހުންނެވި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ޔުނިޓްތައް ދޫކުރުމުގައިވެސް އަލަށްވެސް ބޯހިޔާވަހިކަން މިހާތަނަށް ލިބިފައި ނުވާ މީހުންނަށް އިސްކަން ދެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.ރަސްމާލެ މަޝްރޫއާއި ގުޅުވައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓޭނެކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު ރާއްޖޭގައި ފެށިގެންދާނީ ބޯހިޔާވަހިކަމުގެ ރަންޒަމާނެއް ކަމަށެވެ.








