






.jpeg?w=3840&q=75)

ސަލްމާން މިސްކިތް
އިންސާނުންގެ އަތްމަތީގައިވާ މުދަލަކީ އެމީހުންނާ ވަގުތީ ގޮތުން ޙަވާލުކުރެވިފައިވާ އިލާހީ އަމާނާތެއް ކަމަށާއި، އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާމެދު ޤިޔާމަތް ދުވަހު މާތް ﷲގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "މުދަލަކީ މާތް ﷲގެ ޙައްޤެކެވެ" މި މަޢޫޟޫޢަށެވެ. ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ކާއިނާތުގައިވާ އެންމެހައި ތަކެއްޗަކީ ﷲގެ ފުރިހަމަ މިލްކުވެރިކަމުގެ ދަށުގައިވާ ތަކެއްޗެވެ. އަދި އިންސާނުންނަށް މުދަލާއި ދަރިން ދެއްވާފައިވަނީ އިމްތިޙާނެއްގެ ގޮތުގައި ކަމަށާއި، މީސްތަކުންގެ މެދުގައި ތަނަވަސްކަމާއި ދަތިކަން ލައްވާފައިވަނީ ވެސް އިލާހީ ޙިކުމަތްފުޅުގެ ދަށުން އަޅުތަކުން އިމްތިޙާނު ކުރެއްވުމަށް ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުތަކަށް އަލިއަޅުއްވާލައްވަމުން ޚުޠުބާގައި ބަޔާންކުރެއްވީ، މުދަލާއި ޝަރަފަށް އޮންނަ ދަހިވެތިކަމަކީ އިންސާނާގެ ދީންވެރިކަން ހަލާކުކޮށްލާ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ޤިޔާމަތް ދުވަހު މީހާ ހޯދި މުދަލާއި، އެ މުދާ ހޭދަކުރި ގޮތާމެދު ސުވާލުވެވުމަށް ދާންދެން އެއްވެސް އަޅެއްގެ ދެފައިތިލަ އެ ހުރިތަނުން ގުޑުވައިނުލެވޭނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
މީގެއިތުރުން، މުދާ ހޯދަންވާނީ ﷲ ކަނޑައަޅުއްވާފައިވާ ޝަރުޢީ އިންތަކުގެ ތެރެއިން ޙަލާލު ގޮތުގައި ކަން ފާހަގަކުރައްވައި، ތެދުވެރި މަސައްކަތާއި، ހުއްދަ ވިޔަފާރި އަދި ވަޒީފާގެ އުޖޫރައިން އާމްދަނީ ހޯދުމަށް ބާރުއެޅުއްވިއެވެ. އަދި ރިބާ ކެއުމާއި، ރިޝްވަތާއި، މަކަރާއި ޙީލަތް، ވައްކަން، ޖުވާ، އަދި ޚިޔާނާތްތެރިވުން ފަދަ ޙަރާމް ގޮތްތަކުން މުދާ ހޯދުމަކީ ނަރަކައިގެ ޢަޛާބު ޙައްޤުވާ ބޮޑެތި ފާފަތައް ކަމުގައި ހަނދާންކޮށްދެއްވިއެވެ.
ހަމައެއާއެކު، އަތްމަތީގައިވާ މުދަލުން އަދާކުރަންޖެހޭ ޙައްޤުތަކުގެ މައްޗަށް ވެސް ޚުޠުބާގައި އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން އެންމެ އިސްކަންދޭންޖެހޭ ވާޖިބަކީ އަމިއްލަ އަނބިދަރިންނާއި، މައިންބަފައިން ފަދަ އަހުލުވެރިންނަށް ކުރުން ވާޖިބުވާ ޚަރަދުތައް ކަމަށާއި، ގާތްތިމާގެ މީހުންނަށާއި މިސްކީނުންނަށް ހޭދަކުރުމާއި، މުދާ ޠާހިރުކުރުމަށްޓަކައި އަހަރަކު އެއްފަހަރު ދޭންޖެހޭ ފަރުޟު ޒަކާތް ދެއްކުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.
ޚުޠުބާ ނިންމަވާލައްވަމުން ވަނީ މުދާ އިސްރާފުކުރުމާއި ބޭކާރު ގޮތުގައި ހަލާކުކޮށްލުމަކީ ވެސް އަމާނާތަށް ވެވޭ ޚިޔާނާތެއްކަން ފާހަގަކުރައްވައި، މުދާ ޙަލާލު ގޮތުގައި ހޯދައި ހެޔޮ ގޮތުގައި ހޭދަކޮށް، ﷲގެ ރުހިވޮޑިގަތުން ހޯދުމަށް އަޒުމް ކަނޑައެޅުމަށް އެންމެހައި މުސްލިމުންނަށް ގޮވާލައްވާފައެވެ.








