
.jpg?w=3840&q=75)







ހާލަންޑް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ..
ޔުއެފާ ޗެމްޕިއަން ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ އާރުބީ ލެޕްޒިގް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ އިން ކާމިޔާބުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ސިޓި އެންމެ ފަހުން ކުޅުނު މެޗުގައި ގްރީސްގެ އެއީކޭ ްއެތެންސް އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އާރުބީ ލެޕްޒިގް އެންމެ ފަހުން ކުޅުނު މެޗުގައި ރެއާލް މެޑްރިޑް އަތުން 4-1 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީ އިންނެވެ. މިލަނޑަކީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ލެޕްޒިގްގެ ޑިފެންޑަރު ކަސްޓެލޯ ލުކެބާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ލެޕްޒިގުން ނަތީޖާ އެއްވަރުކުރި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރިޑްލް ބަކޫ އެވެ. ނަމަވެސް އޭގެ ނުވަ މިނެޓް ފަހުން ސިޓީގެ އާޖެންޓީނާ މިޑްފިލްޑަރު އެންޒޯ ފެނާންޑޭޒް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި އެޓީމަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ނަމަވަސް އޭގެ ތިން މިނެޓް ފަހުން ލެޕްޒިގުގެ ނޯވޭ ފޯވާޑް އެންޓޯނިއޯ ނުސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އަލުން މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މިމެޗުން ސިޓީ މޮޅުވި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް އެރްލިންގް ހާލަންޑް އެވެ.
މިނަތިޖާއެކު ލިގުބުރުގައި ކުޅުނު ހަތަރު މެޗުން މެންޗެސްޓާ ސިޓީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ. އަދި މިމެޗުން ބަލިވި އާރުބީ ލެޕްޒިގް އިން ލީގުބުރުގައި ކުޅުނު ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ 30 ވަނައިގައެވެ.

.jpg?w=3840&q=75)


