
.jpg?w=3840&q=75)

.jpg?w=3840&q=75)


.jpg?w=3840&q=75)


ވ. އަތޮޅުގައި ކަނޑުއަޑީގެ ހޮހަޅައަކަށް ގެއްލުނު އިޓަލީވިލާތުގެ ފަތުރުވެރިންތަކެއް ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީގެ ހަދާނަށް އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ މަތީ ޝަރަފުއަރުއްވައިފިއެވެ.
އޭނާގެ ޚިދުމަތާއި އާދަޔާޚިލާފު ހިތްވަރުގެ އަގުވަޒަންކޮށް، މި ޝަރަފު މަހުދީއަށް އެރުވީ ދިވެހިރާއްޖެއާއި އިޓަލީވިލާތާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ގައުމުގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
އިޓަލީވިލާތުގެ ސަރުކާރުން ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވާލަރ" އެރުވުމަށް ބޭއްވި މި ރަސްމިއްޔާތުގައި މަހުދީގެ ހަނދާނަށް މި އެވޯޑު އަރުވާފައިވަނީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވަނީ މި އަހަރުގެ މެއި މަހު ވ. އަތޮޅުގައި ހިނގި ހާދިސާގައި އިޓަލީވިލާތުގެ 5 ރައްޔިތަކާއި، އެ މީހުން ހޯދުމުގެ އޮޕަރޭޝަންގައި ބައިވެރިވި އެމްއެންޑީއެފްގެ ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހަނދާންކުރައްވާ، އެ އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ. އަދި އެ ހިތާމަވެރި ދަނޑިވަޅުގައި އިޓަލީވިލާތުގެ ސަރުކާރާއި ރައްޔިތުން ދެއްކެވި އެއްބައިވަންތަކަމާއި ހަމްދަރުދީއަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.
މި ޝަރަފު މަހުދީއަށް އަރުއްވާފައިވަނީ އިޓަލީގެ ޑައިވަރުން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަންގައި އޭނާ ދެއްކެވި އާދަޔާޚިލާފު ހިތްވަރާއި އިންސާނިއްޔަތަށްޓަކައި ކުރެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން ކޮލަމްބޯގައި ހުންނަ އިޓަލީގެ އެމްބަސީއާއި މާލޭގައި ހުންނަ އެ ގައުމުގެ އޮނަރަރީ ކޮންސިއުލާ އެޖެންސީ ގުޅިގެން ވަނީ މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފަންޑްރެއިޒިންގ ހަރަކާތެއްވެސް ފަށާފައެވެ.
އިޓަލީވިލާތާ ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1966 ވަނަ އަހަރުއެވެ. މި ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ސަރުކާރުންވެސް ދަނީ މަސައްކަތްކުރަމުންނެވެ.

.jpg?w=3840&q=75)

.jpg?w=3840&q=75)



