







ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ފޮނުއްވައިފި އެވެ.
އެމަނިކުފާނު ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނައިބު ރައީސް ވިދާޅުވީ ނަޞްރުގެ ދުވަހުގެ ހެޔޮއެދުމާއި ތަޙުނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި މި ޤައުމުގެ މިނިވަންކަމުގެ ދިފާއު ގައި ޝަހީދުވި ބަޠަލުންނަށް މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެހެއްޓެވުމަށް އެދި ނައިބު ރައީސް ދުޢާ ދެންނެވި އެވެ.
ކޮންމެ އަހަރެއްގެވެސް ނަސްރުގެ ދުވަސް ފާހަގަކުރަމުންދަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަސް ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ނަސްރު ލިބުނު ދުވަހަށްވާއިރު، މި ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.






