







ނޮވެންބަރު 3 ގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި،ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ފޮނުއްވައިފި އެވެ.
މެޑަމް ސާޖިދާ ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މެޑަމް ސާޖިދާ ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ޤައުމުގެ ޙައްޤުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ ބަޠަލުންނާއި ޝަހީދުންގެ ޒިކުރާ އައުކޮށް ހެޔޮ ދުޢާތައް ތަކުރާރު ކުރައްވާފަ އެވެ. އަދި ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު މެޑަމް ސާޖިދާ އަރިސްކުރެއްވި އެވެ."މިނިވަންކަމާއި ބާއްޖަވެރިކަން މަތީ، ދިވެހި އުންމަތް އަބަދުމެ ލަހައްޓަވާށި" މެޑަމް ދުޢާ ދަންނަވާފައިވެ އެވެ.
ކޮންމެ އަހަރެއްގެވެސް ނަސްރު ދުވަސް ފާހަގަކުރަމުންދަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެވެ. އެއީ 1988 ވަނަ އަހަރުގެ ނޮވެންބަރު 3 ވަނަ ދުވަސް ދިވެހި 7 ޚާއިނުން ބޭރުގެ ނިރުބަވެރި ޖަމާއަތަކާއި ގުޅިގެން ރާއްޖޭގެ މައްޗަށް އަތްގަދަ ކުރުމަށް ދިން އުދުވާނީ ހަމަލާއިން ދިވެހިންނަށް ނަސްރު ލިބުނު ދުވަހަށްވާއިރު، މި ހަމަލާގައި 19 ދިވެހިން ޝަހީދުވި އެވެ. ސިފައިންގެ 8 ބޭކަލުންނާއި އާންމު ރައްޔިތުންގެ 11 މީހުންނެވެ.






